މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ އެޓީމު އަތުން 1-0 އިން މޮޅުވެ، ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ކުރިން ކޯޗުކަން ކޮށްދިން އެވަޓަންއިން ޔުނައިޓެޑް ސިއްސުވާލައިފި އެވެ.

މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެވަޓަންއަށް ޔުނައިޓެޑްގެ ގޯލް ހުޅުވާލަ ދިނީ، އެޓީމުގެ ކޮސްޓާރިކަން ޑިފެންޑަރު އޮވިއެޑޯ އެވެ. މިއީ ވޭތުވެ ދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި ޔުނައިޓެޑްގެ ދަނޑުގައި އެޓީމުއަތުން އެވަޓަން މޮޅުވި ފުރަތަމަ ފަހަރެވެ.

ރޮބާޓޯ މާޓިނޭޒްގެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ރޭ ހޯދި ކާމިޔާބަކީ، ޕްރިމިއާ ލީގުގައި ވޭތުވެދިޔަ 11 އަހަރު ދުވަހު އެޓީމުގެ ކޯޗު ކަމުގައި ހުރި ޔުނައިޓެޑްގެ މިހާރުގެ ކޯޗު ޑޭވިޑް މޮއިސްއަށް ހާސިލް ނުކުރެވި އޮތް ކާމިޔާބެކެވެ.

ރޭ ކުޅުނު މެޗުގެ ކުރިން ލީގު މެޗެއްގައި ޔުނައިޓެޑްގެ ދަނޑުގައި އެޓީމު އަތުން އެވަޓަން މޮޅުވެފައި ވަނީ 1992 ވަނަ އަހަރު އެވެ. އެ މެޗު އެވަޓަން ކާމިޔާބުކުރީ 3-0 އިންނެވެ. މި މުއްދަތުގައި މި ދެޓީމު ވަނީ ޔުނައިޓެޑްގެ ދަނޑުގައި 20 ފަހަރު ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން ދެޓީމު އެއްވަރުވިއިރު އަނެއް 16 މެޗުން އެވަޓަން ވަނީ ބަލިވެފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ރަނގަޅަށް ކުޅުނު ނަމަވެސް އެޓީމަށް ލަނޑު ޖަހަން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ. ފަހު ހާފުގައި އެވަޓަންއިން ކުޅުން ރަނގަޅުކޮށް، ޔުނައިޓެޑް ގޯލަށް ނުރައްކާ ހަމަލާތަކެއް ކުރިމަތި ކުރިއެވެ.

ޔުނައިޓެޑްގެ މި ބައްޔާއެކު އެޓީމު 22 ޕޮއިންޓާއެކު އިނގިރޭސި ލީގުގެ ނުވަ ވަނައަށް ވެއްޓިފައިވާއިރު ރޭގެ މޮޅާއެކު އެވަޓަން އޮތީ 27 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި 34 ޕޮއިންޓާއެކު އޮތީ، ރޭ ހަލްސިޓީއަތުން 2-0 އިން މޮޅުވި އާސެނަލް އެވެ. އަދި 30 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ، ރޭ ސަންޑަލޭންޑް އަތުން 3-4 އިން މޮޅުވި ޗެލްސީ އެވެ. ރޭ ވެސްޓް ބްރޮމް އަތުން 2-3 އިން މޮޅުވެ 28 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނައިގައި އޮތް އިރު 27 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތީ ރޭ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޯވިޗް ސިޓީއަތުން މޮޅުވި ލިވަޕޫލް އެވެ.

ރޭގެ މެޗަށް ފަހު ޑޭވިޑް މޮއެސް ބުނީ، މެޗުން ބަލިވުމުން ވަރަށް ބޮޑަށް ދެރަވި ކަމަށާއި އެހެން ނަމަވެސް އެއީ ފުޓްބޯޅައިގައި ކަންތައް ދިމާވާގޮތް ކަމަށެވެ.

"މެޗުން ބަލިވުމުން ދެރަވި. އެކަމަކު އެއީ ބައެއްފަހަރު މެޗުތައް ދާގޮތް. ބާރު ބޮޑުކޮށްދިޔަ މެޗުގައި އަހަރެމެންނަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނީ. އަދި އެވަޓަންއަށް ލިބުނު ފުރުސަތުގެ ބޭނުން އެމީހުން ހިފީ،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

އެވަޓަންގެ ކޯޗް ރޮބާޓޯ މާޓިނޭޒް ބުނީ، އޭނާގެ ކުޅުންތެރިންނާ ދޭތެރޭގައި އަބަދުވެސް ވަރަށް ބޮޑު އިތުބާރެއް އޮންނަ ކަމަށާއި އަދި ޒުވާން ޓީމެއް ގޮވައިގެން މިފަދަ ކާމިޔާބެއް ލިބުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.