ލ. އަތޮޅު ކަލައިދޫ އަކީ އެ އަތޮޅު އިސްދޫއާ ވަކިން އޮންނަ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ރައީސް އަބްދުﷲ ޔާމީން އިއްޔެ ކަލައިދޫ ކައުންސިލް އުފެއްދެވުމުން އެރަށު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އަންނަ ޖެނުއަރީ މަހުގެ 18ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކަލައިދޫ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީން ވަކި ރަށެއްގެ ގޮތުގައި ހަމަޖެއްސި ގާތްގަނޑަކަށް 1200 މީހުންގެ އާބާދީ އޮންނަ ކަލައިދޫ ކައުންސިލަށް ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން 3،000 މީހުންގެ އާބާދީއަކަށް ވުރެ ކުޑަ ކޮންމެ ރަށެއްގެ ކައުންސިލްގައި ފަސް މެމްބަރުން ތިބެންޖެހެ އެވެ. އަދި އެ އަށް ވުރެ އާބާދީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކަށް އިންތިހާބުކުރާނީ ހަތް މެމްބަރުންނެވެ.

ކަލައިދޫ ވަކި ރަށެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 14 އޮކްޓޫބަރު 2010ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ގެންނެވި އިސްލާހަކުންނެވެ.