05 Dec 2013, 10:01
ކާބުލް (ޑިސެމްބަރު 5): އަފްޣާނިސްތާނުން އެދޭކަންތައްތަކަށް އެމެރިކާ އިޖާބަ ނުދޭ ނަމަ އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ގާއިމް ކުރުމަށް ހަމަޖެހިފައިވާ އަމަނާ ބެހޭ ދިގު މުއްދަތުގެ އެއްބަސްވުމުގައި ސޮއިނުކުރާނެ ކަމުގެ އިންޒާރު އަފްޣާން ސަރުކާރުން ދީފި އެވެ.
އަފްޣާން ރިޔާސީ ތަރްޖަމާން އައިމާލް ފައިޟީ ވިދާޅުވީ އެމެރިކާ އާއި އަފްޣާނިސްތާނާ ދެމެދު ގާއިމްކުރުމަށް ހަމަޖެހިފައިވާ އަމަނާ ބެހޭ ދިގު މުއްދަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ރައީސް ހާމިދު ކަރުޒާއި ވަނީ ޝަރުތުތަކެއް ކުރިމަތި ކުރައްވާފަ އެވެ. މިޝަރުތުތައް ގަބޫލުކުރާކަން ނުވަތަ ނޫންކަން އެމެރިކާ އަންގާފައިނުވާ ކަމަށާ އެޝަރުތުތަކަށް އެމެރިކާ ބޯނުލަނބާ ހާ ހިނދަކު އެ އެއްބަސްވުމުގައި ސޮއި ނުކުރެވޭނެ ކަމުގަ އެވެ. ކަރުޒާއި ހުށަހަޅުއްވާފައިވާ ޝަރުތުތަކަކީ ތާލިބާން ޖަމާއަތާ އެކު ސުލްޙަ ގާއިމް ކުރުމަށް އަފްޣާން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެމެރިކާ އެއްބާރުލުން ދިނުމާއި އަފްޣާން އާންމުންގެ ގެދޮރަށް އެމެރިކާ ސިފައިންވަދެ ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަންތައް މުޅިން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޝަރުތުތަކަށް އެމެރިކާ އިޖާބަ ދިނުމުން ނޫނީ އަމަނާބެހޭ އެއްބަސްވުމުގައި ސޮއިނުކުރުމަށް އަފްޣާން ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރައީސް ހާމިދު ކަރުޒާއި އަމުރު ކުރައްވާފައިވާ ކަމަށް ވެސް އަފްޣާން ރިޔާސީ ތަރްޖަމާން އައިމާލް ފައިޟީ ވިދާޅުވި އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އެމެރިކާ އާއި އަފްޣާނިސްތާނާ ދެމެދު ގާއިމް ކުރުމަށް ހަމަޖެހިފައިވާ އަމަނާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަފްޣާން އާންމުންގެ ގެދޮރަށް އެމެރިކާ ސިފައިންވަދެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް އާންމުކޮށް ނުހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގިޔަސް ހިންގާނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވެއްޖެ ޙާލަތެއްގައި ކަމުގެ ޔަގީންކަން ދެއްވާ އޮބާމާވަނީ އަފްޣާން ރައީސް ޙާމިދު ކަރުޒާއި އަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ނަމަވެސް ކަރުޒާއި ވަނީ އެމެރިކާ އަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)