އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާ އެކު ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބައްޓަންވެފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ދައުލަތުގެ ތިން ބާރު ވަކިވެ ދިވެހީން ހީވެސްނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް ވެރިކަމުގެ ނިޒާމަށް ވަނީ އައިސްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކަތީބުންނާއި އަތޮޅުވެރީން ތިބެގެން އަތޮޅުތަކާއި ރަށްތައް ހިންގަމުންއައި އުސޫލު ލާމަޒުކަޒީ ނިޒާމަކަށް ބަދަލުވެގެން ދިޔުމެވެ.

އާ ގާނޫނު އަސާސީގެ ދަށުން ލާމަރުކަޒީ ނިޒާމް ތައާރަފްވުމާ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ބޭއްވި އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށާއި އަތޮޅުތަކާއި ސިޓީތަކަށް ވަނީ ކައުންސިލަރުން އިންތިޚާބުކޮށްފަ އެވެ.

ތިން އަހަރުގެ ދައުރަކަށް ރައްޔިތުން ކައުންސިލަރުން އިންތިޚާބު ކުރީ ދިމިގުރާތީ އަދި ޖަވާބުދާރީވަނިވި އުސޫލަކުން ރައްޔިތުންގެ ކަންކަން އެބައި މީހުން އަމިއްލައަށް ނިންމުމަށް މަގުފަހި ކުރުމެވެ. އިޖުތިމާއީގޮތުންނާއި އިގްތިސޯދީ އަދި ސަގާފީގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމެވެ.

މީގެ ތިން އަހަރު ކުރިން ރައްޔިތުން އިންތިޚާބު ކުރި ކައުންސިލްތަކުގެ ދައުރު ހަމަވާންކައިރިވެ، އަނެއްކާ ވެސް ތިން އަހަރުގެ ދައުރަކަށް ކައުންސިލަރުން އިންތިޚާބު ކުރުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފަ އެވެ. ނަމަވެސް ރައްޔިތުން އެބައި މީހުން އިންތިޚާބުކުރި މަގުސަދު ހާސިލުވިތޯ މިއީ މިއަދު ކޮށްލަންވީ ސުވާލެކެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ ކައުންސިލަށް ބަލާ އިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ސިޓީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރެވިފައި ނެތެވެ. ފެރީގެ ޚިދުމަތް ފުޅާކޮށް ތަރައްގީ ކުރުމާއި ޓެކްސީ ޚިދުމަތުގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެއްވެސް ކަމެއް އައްޑޫ ސިޓީ ކައުންސިލަށް ކުރެވިފައެއް ނުވެ އެވެ.

ރާއްޖޭގެ ވެރިރަށް މާލެއަށް ބަލާލާއިރު މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރެވިފައެއް ނުވެ އެވެ. މާލޭގައި ކުނިކޮށި ހުރުމުން އެތަނުން ނުބައި ވަސް ދުވާތީ މާލެތޭގައި ދޭތެރެދޭތެރެއިން ސިއްހީ ބަލިމަޑުކަން ފެތުރެވެ. ނަމަވެސް ކުނިކޮށީގެ މައްސަލަވެސް ނިމިދިޔަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރެވިފައެއް ނުވެ އެވެ.

ކައުންސިލްތަކަކީ އެއިރެއްގައި އޮންނަ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުގެ ތެރެއިން ކައުންސިލްތަކުގެ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރަން އޮންނަ ބޮޑީ އެކެވެ. ނަމަވެސް ބައެއް ކައުންސިލްތަކުގެ އަމަލުތައް ހުރިގޮތަށް ބަލާ އިރު ސަރުކާރު ބަލައިނުގަތުމަށް ގަރާރުތައް ފާސްކޮށްފައިވެ އެވެ. އަދި ސަރުކާރުގެ ވަކި މުއައްސަސާއަކުން ކުރާކަމަކަށް އެއްބާރުލުން ނުދޭން ވެސް ނިންމާފައިވާކަން ފާހަގަކުރެވެ އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބޯޑު މެމްބަރު އަހްމަދު ފައިސަލް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނު ބައްޓަން ކުރެވިފައި ވަނީ އެންމެ އެކަށޭނެގޮތަށް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކާއި ޒިންމާތަކެއް ހަވާލުކުރެވިފައިވާ އިރު އެމީހުން އެކައުންޓަބަލް ކުރެވޭނެ ގޮތެއް ވެސް އެކަށައެޅިފައި ނެތެވެ.

ކައުންސިލަރުން އަމަލުކުރާނެ ގޮތުގެ ގަވާއިދު ވެސް ހަދަނީ އެމީހުން އަމިއްލައަށް ކަމަށްވާ އިރު އެ މީހުން ގަވާއިދާ ޚިލާފަށް އަމަލުކުރިއަސް ފިޔަވަޅުއެޅޭނެ އުސޫލުތަކެއް ހަމަޖެހިފައި ނެތުމަކީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ގަވާއިދު ވެސް ހަދަނީ ކައުންސިލްތަކުން އަމިއްލައަށް. ކައުންސިލްތަކުން ގަވާއިދާ ޚިލާފަށް އަމަލުކުރިއަސް އެބައިމީހުންނާ މެދު ފިޔަވަޅު އެޅުމުގެ އެކަށީގެންވާ ބާރެއް އެލްޖީއޭއަކަށް ލިބިގެން ނުވޭ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމް ރަނގަޅަށް ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ފާއިތުވި ސަރުކާރުތަކުން ލިބިފައިނުވެ އެވެ. އޭގެ ބަދަލުގައި ފެނިގެން ދަނީ ސިޔާސީ ފައިދާތަކެއް ހޯދުމަށް ކައުންސިލްތައް ބޭނުންކޮށްގެން ސަރުކާރުތަކުން މަސައްކަތް ކުރާތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާއިރު އެމީހުން އަމަލުކުރަމުން އަންނަ ގޮތް ބެލުމުގެ ބާރު ލިބިފައިވާ މުއައްސަސާ އެކުލަވާލެވިފައި ވަނީ ވެސް ރަނގަޅަކަށް ނޫނެވެ. އެލްޖީއޭގެ ބޯޑު އެކުލަވާލެވިގެންވާ ގޮތަށް ބަލާއިރު އެ ބޯޑުގައި ހަ ކައުންސިލަކު ވެސް ހިމެނެ އެވެ. އެމީހެއްގެ ކަންކަންބަލާ މުއައްސަސާގައި އެމީހަކު އަމިއްލައަށް ބައިވެރިވުމަކީ އިންސާފުވެރިގޮތެއް ނޫނެވެ.


ސަރުކާރުން ހިންގާ ކޮންމެ ޕްރޮޖެކްޓެއް ވެސް ކާމިޔާބުކަމާ އެކު ހިންގޭނީ އެކަށީގެންވާ ބެޖެޓު ލިބިގެންނެވެ. ހަމަ އެގޮތަށް ކައުންސިލްތަކަށް ވެސް އެބައި މީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ބަޖެޓު ބޭނުންވާނެ އެވެ. އެހެންނޫން ކަމަށްވާ ނަމަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ އެވެ.