މިހާރު ކުރިއަށްދާ 24 ވަނަ ގައުމީ ކެރަމް މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލުންނާއި ޕްރިމިއާ ޑިވިޝަން އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުން ޕެއާތައް ޖާގަ ކަށަވަރުކޮށްފި އެވެ.

މިކްސްޑް ޑަބަލްސް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސަދޫހު ސާމިއު އާއި އައިމިނަތު ޝަޒްރާގެ މައްޗަށް ކާމިޔާބު ހޯދައިގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ހަސަން ނާޒިމާއި އައިޝަތު ފައިނާޒް އެވެ. ފައިނަލްގެ ދެވަނަ ޖާގަ ހޯދީ، ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަހްމަދު ހާމިދާއި އައިމިނަތު ނިފާޝާގެ މައްޗަށް ކާމިޔާބު ހޯދި ޝާފީ މުހައްމަދާއި އައިމިނަތު ވިދާދު އެވެ.

ޕްރިމިއާ ޑިވިޝަން އަންހެން ޑަބަލްސް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އައިމިނަތު ޝަޒްރާ އާއި އިފާޝާ ޝަރީފްގެ މައްޗަށް ކާމިޔާބު ހޯދައިގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާން އެވެ. އަންހެން ޑަބަލްސް ފައިނަލުން ޖާގަ ކަށަވަރުކުރި ދެވަނަ ޕެއާ އަކީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އައިމިނަތު ވިދާދާއި ރިފްގާ މުހައްމަދުގެ މައްޗަށް ކާމިޔާބު ހޯދި އައިމިނަތު ވިޝާމާއާއި އައިމިނަތު ނިފާޝާ އެވެ.

ޖުމްލަ 87 ކުޅުންތެރިއަކު ވާދަކުރާ މިމުބާރާތް ކުރިއަށްދަނީ ދެޑިވިޝަނަކަށް ބާހާލައިގެންނެވެ. އެއީ ޕްރިމިއާ ޑިވިޝަން ފިރިހެން ޓީމް އިވެންޓާއި އަންހެން ޓިމް އިވެންޓާއި ޕްރިމިއާ ޑިވިޝަންގެ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓާއި، ޑަބަލްސް އިވެންޓުގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓެވެ. ސެކަންޑް ޑިވިޝަންގައި ކުރިއަށްދާނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ މެޗުތަކެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލުން އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.