04 Dec 2013, 22:30
މާފަންނުގެ ގެއެއްގައި ހިންގަމުން އައި ހަށިވިއްކާ ތަނެއް ރެއިޑްކޮށް، އެތަނުގައި ބަރަހަނާކޮށް ތިބި ބަޔަކު، ފުލުހުން އަތުލައިގެން އެވެ.
ފުލުހުން ބުނީ މ. ކޮވާރިކް ގޭގެ ހަތަރުވަނަ ބުރީގައި ހިންގާ ހާބަލް ބިއުޓީ ސެލޫންގައި ބަދުއަހުލާގީ އަމަލު ހިންގާ ކަމުގެ މައުލުމާތު ލިބިގެން ފުލުހުން މިރޭ އެތަން ރެއިޑްކޮށްފައިވާ ކަމަށެވެ.
މިރޭ 9:30 ހާއިރު ފުލުހުން ފެށި އޮޕަރޭޝަން ނިންމާލާފައި ވަނީ ދަންވަރު 12 ޖެހި އިރު އެވެ.
ފުލުހުން ބުނީ އެތަނުން ހައްޔަރުކޮށްފައި ވަނީ ތައިލެންޑުގެ ތިން އަންހެން މީހުންނާއި ފަސް ދިވެހި ފިރިހެނުން ކަމަށެވެ.
އެގެއިން ތައިލެންޑުގެ ތިން އަންހެން ކުދިންނާއި ދިވެހި ފިރިހެނުންތަކެއް ނެރެގެން، ފުލުހުންގެ ވެހިކަލްގައި ގެންދިޔަ މަންޒަރު "ސަން" ގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. ދިވެހި ފިރިހެނުންގެ ތެރޭގައި އުމުރުން ދުވަސްވީ ފިރިހެނެއްވެސް ހުރިކަން ފާހަގަކޮށްލެވެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މަސާޖުޕާލާއަށް ފުލުހުން ވަތް އިރު، އެތަނުގައި ތިބި ބައެއް މީހުން ތިބީ ބަރަހަނާ ހާލުގަ އެވެ. އަދި އެތަނުގެ ތެރެއިން ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތަކެއް ވެސް ފުލުހުންނަށް ފެނިފައިވެ އެވެ.
ފުލުހުން ބުނީ އެތަން ބަލައި ފާސްކުރި އިރު، ގިނަ އަދަދެއްގެ ފައިސާތަކެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.