ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ވިދާޅުވެ، އޮސްޓްރޭލިޔާގެ އާ ބޮޑުވަޒީރު ޓޯނީ އެބޮޓް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

އެ ސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވީ، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ރޮބިން މުޑީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގަ އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އޮސްޓްރޭލިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަންކަމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވި އެވެ.

މީގެ އިތުރުން، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖޭގެ ކިޔަވާ ކުދިންނަށް ދެމުން ގެންދާ ސްކޮލަޝިޕް ފުރުޞަތުތައް އިތުރު ކުރެއްވުމާއި ތަޢުލީމީ މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.