ބައިނަލްއަޤްވާމީ މައިދާނުގައި ރަޝިޔާ އިން އަބަދު ވެސް ރާއްޖެ އަށް ދެމުން ގެންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި ރާއްޖޭގެ ސިޔާދަތަށް ރަޝިޔާ އިން ކުރާ އިޙްތިރާމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ޓަކައި ޝުކުރު އަދާ ކުރެއްވީ، އެމަނިކުފާނުގެ އަރިހަށް، ރަޝިޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެގްޒެންޑާ ކަރޗާވާ މިއަދު ހެނދުނު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި ޤައުމުތަކަށް ރަޝިޔާ އިން ދެމުން ގެންދާ އަހަންމިއްޔަތު ފާހަގަކުރައްވައި އދ.ގެ ސަލާމަތާ ބެހޭ މަޖިލީހުގައި ރާއްޖޭގެ ދާޚިލީ ކަންކަމަށް ޙައްލު ހޯދާނީ ދިވެހި ރައްޔިތުން ކަމަށް ވަކާލާތު ކޮށްދެއްވާފައިވާ ކަމަށް ޓަކައި ރާއްޖޭގެ ރައްޔިތުން ވެސް ޝުކުރުވެރިވާ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އަބަދުވެސް ދާޚިލީ ކަންކަން އަމިއްލައަށް ޙައްލު ކުރަމުން ގެންދާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރަޝިޔާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވި އެވެ. އަދި ރަޝިޔާ އޮތީ، މި އާ ސަރުކާރާ އެކު ގާތް ގުޅުންތަކެއް ޤާއިމުކޮށް، އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ކަމުގައި ވެސް ސަފީރު ވިދާޅުވި އެވެ.

ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ރަޝިޔާ އިން އަބަދުވެސް ޚާއްޞަ ސަމާލުކަމެއްދޭ ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ރަޝިޔާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް، ރަޝިޔާ ސަފީރު އެރުވި އެވެ.

މީގެ އިތުރުން، ރާއްޖެއާއި ރަޝިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ރަޝިޔާ ސަފީރު، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރުމާމެދު ތަފާތު ދާއިރާތަކުން މަޝްވަރާ ކުރައްވާފައިވެ އެވެ.