މި އަހަރުގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ބޭންކް އޮފް ސިލޯނުން 29 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ ހުއްދަ ދިވެހި ދައުލަތަށް ދޭން މާލިއްޔަތު ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވައިފި އެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި ލޯނެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މި އަހަރުގެ ސެޕްޓެންބަރު 13ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދު މަޖިލީހަށް އޭރު ހުށަހެޅުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ބޭންކް އޮފް ސިލޯނުން ދައުލަތަށް ނެގުމަށް ހަމަޖެހިފައި ވަނީ 29.4 މިލިއަން ޑޮލަރުގެ ލޯނު ކަމަށެވެ.

މާލިއްޔަތު ކޮމެޓީން މިއަދު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ހަ އަހަރު ދުވަހުގެ މުއްދަތުގައި ބޭންކް އޮފް ސިލޯނަށް އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ލޯނު، ދިވެހި ސަރުކާރުން ނެގުމާމެދު ކޮމެޓީން "އުސޫލެއްގެ ގޮތުން" އެއްބަސްވާ ކަމަށެވެ.

އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު ނަގާ ލޯނު އަދާކުރާ އިރު މަހަކު ދައްކަން ޖެހެނީ 490،000 ޑޮލަރެވެ. އެ ލޯންގެ އިންޓްރެސްޓް ރޭޓަކީ އަށް ޕަސެންޓެވެ.

މި އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި އިރު، ތަރައްގީގެ މަޝްރޫއުތަކާއި ޕީއެސްއައިޕީގެ ތެރޭގައި ހިމެނޭ މަޝްރޫއުތައް ހިންގުމަށް އަހަރަކަށް ހަތް ޕަސެންޓަށް ވުރެ މަތީ އިންޓްރެސްޓް ރޭޓެއްގައި އެއްވެސް ލޯނެއް ނުނެގުމަށް ތަޅުމުން ފާސް ކުރި އެވެ. ބަޖެޓް ސަޕޯޓަށް ނަގާ 29.4 މިލިއަން ރުފިޔާގެ ލޯނުގެ އިންޓްރެސްޓް ރޭޓް އަށް ޕަސެންޓަށް ބޮޑުވެގެން ދިއުމުން، އެއަށް ވުރެ ދަށް ރޭޓެއްގައި ލޯނު ނެގުމުގެ މުހިއްމު ކަމަށް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ލޯނާ ގުޅިގެން ސަރުކާރުން އަދާކުރަން ޖެހޭ އިލްތިޒާމްތައް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނުމަށް ވެސް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.