04 Dec 2013, 21:37
ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގައި ހިންގާ ބޭންކް ތަކުގެ ތެރެއިން އަށް ބޭންކަކުން މަކަރާއި ޙީލަތުގެ ގޮތުން އިންޓްރެސްޓް ރޭޓު މައްޗަށް ޖައްސާން މަސައްކަތް ކޮށްފައި ވާކަން ސާބިތު ވުމާ ގުޅިގެން، އެ ބޭންކުތައް ޖޫރިމަނާ ކުރާން ޔޫރަޕިއަން ކޮމިޝަނުން ނިންމައިފި އެވެ.
ޔޫރަޕުގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ އަށް ބޭންކަކުން ވަނީ ވަގުޖަމާއަތްތަކެއް ހަދައި، އެ ޖަމާއަތްތައް މެދުވެރި ކޮށް، ބާޒާރުގައި ބޭންކް ލޯނުގެ އިންޓްރެސްޓް ރޭޓް މަތި ކޮށް، މަތީ ރޭޓުތައް ދެމެހެއްޓުމުގެ މަސައްކަތް އެތައް ދުވަހެއް ވާންދެން ކޮށްފަ އެވެ. މިގޮތުން މަކަރާއި ޙީލަތް ހެދި ބޭންކު ތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ބާރކްލޭސް ބޭންކާއި، ސްވިޓްޒަރލޭންޑުގެ ޔޫބީއެސް ބޭންކާއި، ސްކޮޓްލެންޑުގެ ރޯޔަލް ބޭންކް އޮފް ސްކޮޓްލެންޑް ހިމެނެއެވެ.
މަކަރާއި ޙީލަތް ހެދުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވި ބޭންކުތަކަކީ ބާރކްލޭސް އާއި ޔޫބީއެސް އެވެ. މީގެ ތެރެއިން ބާރކްލޭސް ބޭންކު ޖޫރިމަނާ ކުރާން ހަމަޖެއްސީ 2.5 ބިލިއަން ޔޫރޯއިންނެވެ. ޔޫބީއެސް ޖޫރިމަނާ ކުރާން ހަމަޖެއްސީ 690 މިލިއަން ޔޫރޯއިންނެވެ. ނަމަވެސް މިހާރު ޔޫރަޕިއަން ކޮމިޝަނުން ނިންމައިފައި ވަނީ މި ދެ ބޭންކުގެ ޖޫރިމަނާ މައާފު ކޮށްދިނުމަށެވެ. އެއީ މަކަރު ހެދިކަން ފަޅާ އެރުމަށް ފަހު، ކުރެވުނު ތަހުގީގު ތަކަށް މި ދެ ބޭންކުން އެއްބާރުލުން ދީ، އިންޓްރެސްޓް ރޭޓާ ކުޅުމަށް ޓަކައި އުފެއްދި ވަގުޖަމާއަތްތަކާ ބެހޭ މައުލޫމާތު ވެސް އިއްތިހާދުގެ ތަހުގީގު ކުރާ ފަރާތްތަކަށް މި ދެ ބޭންކުން ފޯރު ކޮށްދީފައި ވާތީ އެވެ.
ބާރކްލޭސް އާއި ޔޫބީއެސް ފިޔަވައި އަނެއް ހަ ބޭންކު ޖޫރިމަނާ ކުރެވިފައި ވަނީ ޖުމުލަ 1.7 ބިލިއަން ޔޫރޯއިންނެވެ.
ބާރކްލޭސް އާއި ޔޫބީއެސް އާއި އާރްބީއެސް ފިޔަވައި ޖޫރިމަނާ ކުރެވުނު އަނެއް ފަސް ބޭންކަކީ ޖަރުމަން ވިލާތުގެ ޑިއުޝް ބޭންކާއި، ފަރަންސޭސި ވިލާތުގެ ސޮޝިއެޓޭ ޖެނެރާލް ބޭންކާއި، އެމެރިކާގެ ޖޭޕީ މޯރގަން ބޭންކާއި، އެމެރިކާގެ ސިޓިބޭންކާއި، އިނގިރޭސި ވިލާތުގެ މާލީ ވިޔަފާރި ކުންފުންޏެއް ކަމަށް ވާ އާރްޕީ މާރޓިނެވެ.
މި މައްސަލައާ ގުޅިގެން ޔޫރަޕިއަން ކޮމިޝަނުގެ ނާއިބު ރައީސް ވަކީން އަލްމުނިއާ ވިދާޅުވެފައި ވަނީ، ބާޒާރުގައި ވާދަވެރި ބޭންކު ތަކަކުން މިގޮތަށް އަޑިއަޑީން ގުޅިގެން މިކަހަލަ ކަމެއް ކުރިކަން ފަޅާ އެރުމާ ގުޅިގެން ޝޮކެއް ލިބިފައި ވާ ކަމަށެވެ. ކޮމިޝަނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާތައް އުފުލޭނެއެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް އަދި ހާމަ ކުރެވިފައެއް ނުވެއެވެ.
"އިންސާފުވެރި އަދި ބިނާކުރަނިވި ވާދަވެރިކަމާއި، ދެފުށްފެންނަ ގޮތަށް ވިޔަފާރީގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަކީ މާލީ ބާޒާރު ތަރައްގީ ވުމަށް ޓަކައި ޒަރޫރީ ބަހާތަކެއް. ބަލާން ޖެހެނީ މަދު ފަރުދުންތަކެއްގެ މަސްލަހަތުގެ މައްޗަށް، ހަގީގީ އިގުތިސާދެއް ބިނާ ކުރުމުގެ ލަނޑުދަނޑީ އިސް ކުރުން." ކޮމިޝަނުން ބޭއްވި ނޫސް ކޮންފަރެންސުގައި ނާއިބު ރައީސް އަލްމުނިއާ ވިދާޅުވެފައި ވެއެވެ.
މިއީ ޔޫރަޕުގެ އިއްތިހާދުގެ ސަރަހައްދުގައި ހިންގާ ބޭންކުތައް، މިފަދަ ގޮތަކަށް މަކަރު ހެދުމުގެ މައްސަލައެއްގައި ޖޫރިމަނާ ކުރެވޭ ފުރަތަމަ ފަހަރެވެ. ޖޫރިމަނާ ކުރެވުނު ބޭންކުތަކުގެ ތެރެއިން ބާރކްލޭސް އާއި، ޔޫބީއެސް އާއި، އާރްބީއެސް އަކީ މީގެ ކުރީންވެސް ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުގައި، އިންޓްރެސްޓް ރޭޓު މައްޗަށް ޖައްސައި މަތީގައި ހިފަހައްޓާން މަކަރު ހެދި ކަމުގެ ކުށް ސާބިތު ވެ ޖޫރިމަނާ ކުރެވިފައި ވާ ބޭންކްތަކެވެ.
އިންޓްރެސްޓް ރޭޓު ހުންނާން ވާ މިންވަރަށް ވުރެ މައްޗަށް ޖައްސައިގެން ބޭންކުތަކުން ހެދި މަކަރުގެ ސަބަބުން އެ ބޭންކުތަކަށް އެތައް ބިލިއަން ޔޫރޯއެއްގެ ފައިދާ އިތުރު ވެފައި ވާނެ ކަމަށް ބެލެވެއެވެ.
ޖޫރިމަނާ ކުރެވުނު ބޭންކުތަކުގެ ތެރެއިން، ބާރކްލޭސް ބޭންކަކީ އިނގިރޭސި ސަރުކާރުގެ 81 އިންސައްތަ ހިއްސާ އޮންނަ ބޭންކެކެވެ. އަދި ރޯޔަލް ބޭންކް އޮފް ސްކޮޓްލެންޑުގެ 81 އިންސައްތަ ހިއްސާ އޮންނަނީ ސްކޮޓިޝް ސަރުކާރަށެވެ.
ކޮމިޝަނުގެ ނިންމުމާ ވިދިގެން، ރޯޔަލް ބޭންކް އޮފް ސްކޮޓްލެންޑުގެ ޗެއަރމަން ސަރ ފިލިޕް ހެމްޕްޓަން ވިދާޅުވީ ބޭންކުގެ ހިންގުމުގެ ޒިންމާތައް ކޮނޑުއަޅައިގެން ތިބޭ ފަރާތްތަކުން މި ކަހަލަ ކަންތައް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ޖޫރިމަނާ ކުރެވުނު އަށް ބޭންކުގެ އިތުރުން، އެސްއެސްބީސީ އާއި ކްރެޑިޓް އެގްރިކޯލް ވެސް އިންޓްރެސްޓް ރޭޓް މައްޗަށް ޖެއްސުމަށް ޓަކައި މަކަރު ހެދި ކަމަށް ތުހުމަތު ކުރެވި، މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ.