04 Dec 2013, 21:15
ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޝަން ޓީމް އިވެންޓުގެ ފައިނަލުން ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ)އާއި ކުލަބް ގްރީން ސްޓްރީޓް ޖާގަ ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ 24 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފައިނަލުން ޑީއެސްސީ ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި މޯފާ ރެކްރިއޭޝަން ކުލަބާ ވާދަކޮށް ސީދާ ތިން މެޗުން މޮޅުވެގެންނެވެ. ފައިންލްގެ ދެވަނަ ޖާގަ ގްރީން ސްޓްރީޓް ކަށަވަރު ކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ކުލަބް ރިވަލްސާ ސީދާ ތިން މެޗުން ބަލިކޮށްގެންނެވެ.
ޓީމް އިވެންޓުގެ އިތުރުރުން ރޭވަނީ މިކްސްޑަބަލްސް އިވެންޓުގެ ކުޅުން ކުރިއަށް ގެންގޮސް ކުއާޓާ ފައިނަލްގެ މެޗުތައް ނިންމައި ސެމީ ފައިނަލުން ވެސް ޕެއާ ތައް ޖާގަކަށަވަރުކޮށްފަ އެވެ.
މިކްސްޑަބަލްސް ކުއަޓާ ފައިނަލް ފުރަތަމަ މެޗުގައި ހުސެއިން އަލީ އާއި އައިމިނަތު ވިޝާމާ ބަލިކޮށް ހަސަން ނާޒިމާއި އައިޝަތު ފައިނާޒް ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަކަށަވަރުކޮށްފަ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަނެއްކޮށްޅުން ބައްދަލުކުރާނީ މުހައްމަދު ފަރީމާއި އަފީފުންނިސާގެ މައްޗަށް ކާމިޔާބު ހޯދި ސަދޫހު ސާމިއު އާއި އައިމިނަތު ޝަޒްރާ އެވެ.
ރޭ ކުޅުނު ކުއަޓާފައިނަލް ތިންވަނަ މެޗުގައި އަހުމަދު ބިޝާރު އާއި އިފާޝާ ޝަރީފް ބަލިކޮށް ޝާފީ މުހައްމަދާއި އައިމިނަތު ވިދާދު ވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗުން ޖާގަކަށަވަރުކޮށްފަ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަނެއްކޮޅުން ބައްދަލުކުރާނީ އިސްމާއިލް އަޒްމީނާއި ފާތިމަތު ރަޔާންގެ މައްޗަށް ކާމިޔާބު ހޯދި އަހްމަދު ހާމިދުއާއި އައިމިނަތު ނިފާޝާ އެވެ.
މި މުބާރާތުގެ މިކްސްޑް ޑަބްލްސް އިވެންޓުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުރިއަށް ގެންދިއުމަށް ހަމަހެހިފައިވާއިރު ޕްރިމިއާ ޑިވިޝަން ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓުގެ މެޗުތަށް ވެސް މިރޭ ފަށާނެ އެވެ.
ޖުމްލަ 87 ކުޅުންތެރިއަކު ވާދަކުރާ މިމުބާރާތް ކުރިއަށްދަނީ ދެޑިވިޝަނަކަށް ބާހާލައިގެންނެވެ. އެއީ ޕްރިމިއާ ޑިވިޝަން ފިރިހެން ޓީމް އިވެންޓާއި އަންހެން ޓިމް އިވެންޓާއި ޕްރިމިއާ ޑިވިޝަންގެ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓާއި، ޑަބަލްސް އިވެންޓުގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓެވެ. ސެކަންޑް ޑިވިޝަންގައި ކުރިއަށްދާނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ މެޗުތަކެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ މިމަހު އަށެއްގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލުން އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.