08 Dec 2010, 12:07
މި ދިޔަ އަހަރުގެ ދައުލަތުގެ ބޭރު ދަރަންޏަކީ 533 މިލިއަން ޑޮލަރު ކަމަށާއި މި އަހަރު ނިމޭ އިރު އެ އަދަދު 607.3 މިލިއަން ޑޮލަރަށް އަރައި އަދި އަންނަ އަހަރު ބޭރު ދަރަނި 674 މިލިއަން ޑޮލަރު [ރަސްމީ ރޭޓުން 8660.9 މިލިއަން ރުފިޔާ] އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން ހާމަވެއްޖެ އެވެ.
މިއީ ގައުމީ އުފެއްދުންތެރިކަމާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 8761.8 މިލިއަން ރުފިޔާ އެވެ.
ފިނޭންސުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 12.3 ބިލިއަން ރުފިޔާގެ ބަޖެޓް މައުލޫމާތުގައިވާ ގޮތުން 2009 ވަނަ އަހަރުން 2011 އަށް ބޭރު ދަރަނީގެ ނިސްބަތް 26 ޕަސެންޓް އިތުރުވާނެ ކަމަށް ދައްކަ އެވެ.
ބަޖެޓް މައުލޫމާތުން އެނގޭ ގޮތުގައި ލޯނު ނަގައިގެން އެކިއެކި މަޝްރޫއުތަކަށް މިދިޔަ އަހަރު 110.7 މިލިއަން ޑޮލަރު، މި އަހަރު 118.3 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 132.6 މިލިއަން ޑޮލަރު[ ރަސްމީ ރޭޓުން 1703.91 މިލިއަން ރުފިޔާ] ހަރަދު ކުރެވޭނެ އެވެ.
އެ މިނިސްޓްރީން ބުނީ ބޭރު ދަރަނި އަދާ ކުރުމަށް ކުރާ ހަރަދު މިދިޔަ އަހަރާ އަޅާ ބަލާ އިރު މި އަހަރު ގާތްގަނޑަކަށް ހަތަރު ޕަސެންޓް ވަރު ބޮޑު ވެފައިވާ ކަމަށާއި އަންނަ އަހަރު އެ އަދަދު 51.57 ޕަސެންޓަށް މައްޗަށް ދާނެ ކަމަށެވެ.
"މީގެ މައިގަނޑު ސަބަބަކީ ކުރު މައްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ކޮމާޝަލް ލޯނުތަކުގެ އިންޓަރެސްޓާއި ބައެއް ލޯންތައް އަނބުރާ ދެއްކުމުގެ ބުރަ 2011 ވަނަ އަހަރު ހިމެނިފައިވާތީ އެވެ." ބަޖެޓް މައުލޫމާތުގައިވެ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ދަރަނި އަދާކުރުމަށް ކުރަން ޖެހޭ ހަރަދު ދަށްވަމުން އަންނަ ކަމަށާއި މި އަހަރު ދަރަނި ދެއްކުމަށް ހަރަދުވީ 1332 މިލިއަން ރުފިޔާ ކަމަށާއި އަދި އަންނަ އަހަރު އެ އަދަދު 889.3 މިލިއަން ރުފިޔާ އަށް ދަށްކުރެވޭނެ ކަމަށެވެ. އަދި އެއީ މި އަހަރަށް ވުރެ، 33 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.
ފިނޭންސުން ބުނި ގޮތުގައި ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް، ކަރަންޓް އެކައުންޓްގެ ދަރަނި ވެސް މި އަހަރަށް ވުރެ އަންނަ އަހަރު 40 ޕަސެންޓް މައްޗަށް ދާނެ އެވެ. އަދި އެ މިނިސްޓްރީން ބުނީ، ޖީޑީޕީގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓްގެ ދަރަނި، މި އަހަރު ތެރޭގައި ހުރި 31 ޕަސެންޓުން އަންނަ އަހަރު 39 ޕަސެންޓަށް މައްޗަށްދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ ކަރަންޓް އެކައުންޓްގެ ދަރަނި ބޮޑުވަނީ އިމްޕޯޓް ކުރާ ތަކެތީގެ ނިސްބަތް މަތިވެ، ވިޔަފާރި އެކައުންޓްގެ ފަރަގު ބޮޑުވުމުން ކަމަށެވެ.
އަންނަ އަހަރަށް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 12.3 ބިލިއަން ރުފިޔާގެ ބަޖެޓަކީ 15.3 ޕަސެންޓް ނޫނީ ބަޖެޓްގެ ހަބައިކުޅަ އެއްބައި ޑެފިސިޓް ބަޖެޓެކެވެ.
ބޭރު ދަރަނީގެ ނިސްބަތަކީ ޑޮލަރުގެ ރަސްމީ ރޭޓު، 12.85 ރޭޓުން ބޮލަކަށް ގާތްގަނޑަކަށް 29000 ރުފިޔާ އެވެ.