ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގައި އަދި ބަރަހަނާވާ މަންޒަރު ދައްކުވައިދޭ ވީޑީއޯގެ މައްސަލަ ރާއްޖޭން ބޭރުގެ ބަޔަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލާގައި ފުލުހުން އެއްބާރުލުން ހޯދަނީ ކޮން ގައުމެއް ބަޔަކާ ކަމެއް ފުލުހުން ނުބުނެ އެވެ.

އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފުލުހުން މިހާރު ވެސް މަޑުކޮށްގެން ތިބީ އެ ވީޑިއޯއާ ގުޅޭ މައުލޫމާތުތައް ލިބުމުން ތަހުގީގުތައް ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. ނަވާޒު ވިދާޅުވީ ކޯޓަކާ ހަމައަށް މައްސަލަ ގެންދާއިރު ވީޑިއޯއިން ފެންނަނީ ކާކުކަން ވަރަށް ރަނގަޅަށް ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މި މައުލޫމާތުތައް ލިބޭ ހިސާބުން މިކަމުގައި އިތުރު ދޮރުތަކެއް ހުޅުވިގެންދާނީ. އަދި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނީ،" ނަވާޒު ވިދާޅުވި އެވެ.

ބަދުއަޚުލާގީ އަމަލު ހިންގާ ވީޑިއޯ އެއް ބޭނުންކޮށްގެން ފަނޑިޔާރަކު ބުލެކްމެއިލް ކުރާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު އެވީޑިއޯއިން ފެންނަ ހުރިހާ ފަރާތްތަކަކާ ފުލުހުން ސުވާލުކޮށްފައިވާނެ ކަމަށެވެ.
ނަވާޒު ވިދާޅުވީ އެ ވީޑިއޯއިން ފެންނަ މީހާ އަކީ ކާކުކަން ނޭންގޭ ކަމަށެވެ.

"ފޮރެންސިކަލީ ތަހުލީލު ތަކެއް ކުރެވުނު. އިތުރު ގޮތްގޮތުން ވެސް ތަހުގީގަށް މަސައްކަތްތަކެއް ކުރެވުނު. އެހެންނަމަވެސް މިއަދުގެ މިހާ ހިސާބަށް އައި އިރު އެ ވީޑިއޯއިން ފެންނަ ފަރާތަކީ ޔަގީންކޮށް ކޮން ފަރާތެއްކަން ޔަގީން ކުރެވޭނެ މައުލޫމާތެއް ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައި،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާލުވީ މިހާތަނަށް އައިއިރު ވީޑިއޯގެ މައްސަލައިގެ މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި ވީޑިއޯ ފެންނަ ފަރާތްތަކާ ސުވާލުކޮށް ތަހުގީގުކޮށްފައިވާނެ ކަމަށެވެ.

އެމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަނޑިޔާރު އަލީ ހަމީދު ގެކޮޅު ބަލާފާސްކުރަން އެދުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނަވާޒު ވިދާޅެއްނުވެ އެވެ.

ނަވާޒު ވިދާޅުވީ ބުލެކް މެއިލް ކުރި މައްސަލަ އާއި ވީޑިއޯގެ މައްސަލަ ވެސް ވަކި ފަރާތަކަށް ބުރަނުވެ ކުރަމުން އަންނަ ކަމަށެވެ.

"މީގައި ދެކޮޅުން ވެސް މިއުޅެނީ ކުށެއްކޮށްގެން. އެއްފަރާތުން ބުލެކްމެއިލް ކޮށްގެން މިއުޅެނީ އެއީ ހަގީގަތަކަށް ވަންޏާ. މި ދެކަންތައް ވެސް އެއްފަހަރާ ބަލަމުން މިދަނީ،" ނަވާޒު ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ބިދޭސީ އަންހެނުންތަކާއެކު އެކި ވަގުތުތަކުގައި ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ތަފާތު ވީޑިއޯ ތަކެއް ވަނީ ސޯޝަލް މީޑިއާ ތެރޭ ލީކްކޮށްލާފަ އެވެ.