ރިޔާސީ އިންތިހާބުގެ ހަބަރާއި މައުލޫމާތު ހިނދުން ހިނދަށް އަދި ތެދު ހަބަރު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަން މީޑިއާ ގްރޫޕް ޓީމުގެ ފަރާތުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ސަން މީޑިއާ ގްރޫޕްގެ ޗެއާމަން އަހުމަދު ޝިޔާމް މުހައްމަދު އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެއްވައިފި އެވެ.

މިއަދު ހަވީރު ސަން މީޑިއާ ގްރޫޕްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ސަން މީޑިއާ ގްރޫޕްގެ ނޫސްވެރިންނާއި މުވައްޒަފުންނަށް ޗެއާމަންގެ ހަނދާނީ ލިޔުން ހަވާލުކޮށްދެވީ އެޑިޓާ އިން ޗީފް އަހުމަދު ޒާހިރު (ހިރިގާ) ޢެވެ.

އެ ހަފްލާގައި ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާނު އަލީ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އިއުލާން ކުރީއްސުރެ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ސަން ޓީމްގެ ފަރާތުން ވަރުބަލިކަމެއް ނެތި އަދި ރެއެއް ދުވާލެއް، ހުކުރެއް ހޮނިހިރެއް ނެތި ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށް ދިނުމަށް ކުރި ބުރަ މަސައްކަތުގެ އަގު ޗެއާމަނާއި މެނޭޖްމަންޓުން ފާހަގަ ކުރައްވާ ކަމަށެވެ. އަދި އެކަމަށް ޓަކައި ސަން މީޑިއާ ޓީމަށް ޝުރުވެރިވާ ކަމަށެވެ.

ސަން މީޑިއާ ގްރޫޕަކީ ހަމަހަމަކަމާ އެކު އަބަދު ވެސް ތެދު މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ޓީމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ހިރިގާ ވިދާޅުވީ ސަންގެ ނިއުސް ޓީމަކީ ވަރަށް ޑެޑިކޭޓްކޮށް މަސައްކަތް ކުރާ، ޒުވާން އަދި ހީވާގި ޓީމެއް ކަމަށާއި ޓީމްގެ މަސައްކަތް ކުންފުނީގެ ޗެއާމަން އަހުމަދު ޝިޔާމް މުހައްމަދު ފާހަގަ ކުރައްވައި އަގުވަޒަން ކުރެއްވީތީ ޗެއާމަނަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރުވެރިވާ ކަމަށެވެ.