04 Dec 2013, 18:49
ޖިންސީ ގުނަވަނުގައި މަސްތުވާތަކެތި ފޮރުވައިގެން ގއ. ދާންދު އަށް ފައިބަނިކޮށް ހައްޔަރުކުރި އަންހެން މީހާގެ ދެ ދަރިން ޖެންޑާއިން ނަގައިފި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގއ. އަތޮޅުގެ އެހެން ރަށަކުން މަސްތުވާތަކެތި ހިފައިގެން ދާންދު އަށް ފޭބި ތަނުން ހައްޔަރުކުރި އުމުރުން 33 އަހަރުގެ މީހާގެ ދެ ދަރިން ޖެންޑާގެ ބެލުމުގެ ދަށަށް ނެގުމަށް ފަހު އަންހެން މިހާ ވަނީ ފުލުހުންގެ ހައްޔަރަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން އޭނާ ގޭބަންދުގައި ބަހައްޓާފައި ވަނީ އުމުރުން އެއް އަހަރު ނުވާ ކުއްޖާގެ "ހައްގުގަ" އެވެ. އެ އަންހެން މީހާގެ ޖިންސީ ގުނަވަނުން ވަނީ މަސްތުވާތަކެތީގެ 25 ރަބަރު ޕެކެޓް ނަގާފަ އެވެ.
އެކަން ވަނީ އެރަށު ކައުންސިލުން ވެސް ޔަގީންކޮށްދީފަ އެވެ. ދާންދޫ ކައުންސިލް މެމްބަރު އިމްރާން ވަހީދު ވިދާޅުވީ ޝަރުއީ ގޮތުން ބައްޕަ ކަށަވަރުނުވާ ދެކުދިން ސަރުކާރުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ.
ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްކުއްޖަކަށް އަދި ދޮޅު މަސްވެފައިވާ އިރު، އަނެއް ކުއްޖާއަށް ވަނީ އެއް އަހަރާއި ތިން މެހެވެ.
ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ "މުއްދަތެއް ނެތް ގޮތަށް" ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.