ވޭތުވެ ދިޔަ ދެ ތިން އަހަރެއްގެ ތެރޭގައި "ބެހިގެން" ދިވެހި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަން ސޯމާލިޔާގެ ރައްޔިތުން އިއްޔެ އެ ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ 2009 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ އިގްތިޞާދީ ސަރަޙައްދަށް ބެހިގެން އައިސްފައިވާ ސޯމާލިޔާގެ 40 ރައްޔިތަކު އިއްޔެ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސޯމާލިޔާގެ ރައްޔިތުން އެ ގައުމަށް ފޮނުވާލާފައި ވަނީ ދިވެހި ސަރުކާރާއި ޔޫއެންއޯޑީސީ ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

ސޯމާލިޔާގެ ރައްޔިތުން އެ ޤައުމަށް ފޮނުވާލުމަށް ހިންގި އޮޕަރޭޝަންގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް ފޮރިން އެފެއަޒް އާއި އިމިގްރޭޝަންގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ސޯމާލިޔާއަށް ފޮނުވާލާފައި ވަނީ ސެކިއުރިޓީ އާ އެކު ޗާޓާ ފްލައިޓެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުން ސޯމާލިއާ އަށް ފޮނުވާލެންދެން އެ އެންމެން ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ކަމަށެވެ.