04 Dec 2013, 17:24
ތާޖުމަހަލް ބެލުމަށް ފަހު އިންޑިއާގެ އާގްރާއިން ޓްރެވިންޑްރަމަށް ދަތުރުކުރަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދިވެހި އާއިލާގެ ފަސް މެމްބަރުންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފި އެވެ.
އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ލ. ކުނަހަންދޫ، ހުޅަނގުގޭ، އައިމިނަތު ޝިރުމީނާ، 34،ގެ ފިރިމީހާ މާލެ ދަފްތަރު، އިބްރާހިމް އަހުމަދު، 50، އާއި އެ ދެމަފިރިންގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ އިތުރުން އަންހެން މީހާގެ އެއްބަނޑުއެއްބަފާ ކޮއްކޮ މުހައްމަދު ޝައްމޫން 21، އަށެވެ.
ޝިރުމީނާ މިއަދު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅުގެ އޮޕަރޭޝަން އިއްޔެގެ ވަގުތެއްގައި ކޮށް ނިމިފައިވާ ކަމަށާއި ނަމަވެސް އެ މީހުން އަދިވެސް އައިސީޔޫއިން ނުނެރޭ ކަމަށެވެ.
އޭނާ ބުނީ ދަރިފުޅުގެ ބޯ ނިތްމަތިން ފެށިގެން މައްޗަށް މެދާ ހަމައަށް ފަޅައިގެން ގޮސްފައިވާއިރު އޮޕަރޭޝަން ކުރަންވެގެން ބޯ ބޭލި އިރު ބޮލުގެ އެކި ތަންތަން އެކްސިޑެންޓުވި ވޭނުގެ ބިއްލޫރިތަކުން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް ކަފައިގެން ގޮސްފައި ވަނީ ބޮލުގެ ފަހަތް ކަމަށާއި ނަމަވެސް ބޮލުގެ ނާށިގަނޑު ފަޅައިގެން ނުދާ ކަމަށް ޝިރުމީނާ ބުންޏެވެ.
"އޮޕަރޭޝަން ކުރަންވެގެން ބޯ ބެލިއިރު އިނގުނީ ބޮލަށް ބިއްލޫރިތައް ވަދެ އަންހެން ދަރިފުޅުގެ ބޯ ފަހަތުން ވެސް ފަޅައިގެން ގޮސްފައި ހުރިކަން، އެމީހުން ފޮޓޯ ނަގާފައި ދެއްކީމަ ފެނުނީ ބޮލަށް ބިއްލޫރިތައް ވަދެފައި ހުރިތަން، އެންމެ ފުރަތަމަ ގެންދިޔަ ހޮސްޕިޓަލުން ބުނީ ސީރިއަސް ކަމަށް، ނަމަވެސް މި ހޮސްޕިޓަލުން ބުނީ އެ މީހުން ރަނގަޅުވަމުން އަންނަ ކަމަށް،" ޝިރުމީނާ ބުންޏެވެ.
ޝިރުމީނާ ބުނީ އޭނާގެ ފިރިމީހާގެ ވައަތް ފަޅީގެ އަތާއި ނިއްކުރި މައްޗާއި ފައި ބިއްލޫރިގަނޑަކުން ވަރަށް ބޮޑަށް ކަފައިގެން ގޮސް ބުމަ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އަދި އޭނާގެ ކޮއްކޮގެ ކަނާތު ކަންފަތް ނައްޓައިގެން ދަތްދޮޅި ފަޅައިގެން ގޮސްފައިވާއިރު ލޯމަތިން ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް ކޮއްކޮގެ ކަންފަތުގެ އޮޕަރޭޝަން ކުރާނެ ހާއްސަ ޑޮކްޓަރަކު އިއްޔެ ނެތީމައި އެ އޮޕަރޭޝަން މިހާރު ކުރުމަށް ހަޖެހިފައި ވަނީ މާދަމާއަށް ކަމަށް ވެސް ޝިރުމީނާ ބުންޏެވެ.
އޭނާގެ ތިން އަހަރު ފިރިހެން ދަރިފުޅުގެ ބޯފައިގެން ދިއުމުގެ އިތުރުން އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އެ އާއިލާއިން ދަތުރުކުރަމުން ދިޔަ ވޭންގެ އެކްސިޑެންޓުވީ އެ މީހުން ބެންގަލޫރާއި ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރު ސަރަހައްދެއްގައި ވަނިކޮށެވެ. ހުބްލީ ކިޔާ ސަރަހައްދެއްގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދިވެހި އާއިލާއިން ދުއްވަމުން ގެންދިޔަ ވޭންގެ ކުރިމަތީގައި އޮތް ގޭސް ޓޭކްކަރަކުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގައި ހުންނަ ކޮންސިއުލޭޓާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ އެކްސިޑެންޓުގައި ވޭންގައި ތިބި ދިވެހި އާއިލާގެ މެމްބަރުންތައް ވަނީ ވޭނުގެ ބިއްލޫރިތައް ފަޅައިލައި ވިއްސައިގެން ގޮސްފަ އެވެ. އެ އެކްސިޑެންޓްގައި އެމީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިންޑިއާގެ އެޖެންޓް ވަނީ މަރުވެފަ އެވެ.
ޝިރުމީނާގެ އާއިލާއިން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުނަށް ދިވެހި ސަރުކާރުން ވެސް އެހީތެރިވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އާސަންދަ ލިބޭނީ އެ މީހުން އިންޑިއާގެ ޓްރެވިންޑްރަމްގެ ހޮސްޕިޓަލަށް ބަދަލުކުރެވިގެން ކަމުގައި ވާތީ އެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް މިވަގުތު މިވަނީ ފައިސާގެ އެހީތެރިކަން ބޭނުންވެފައި، އަޅުގަނޑުމެންނަށް އަދި ނެތް ޓްރެވިންޑްރަމަށް ދެވޭނެ ގޮތެއް. ގާތްގަނޑަކަށް ދެހާހެއްހާ ޑޮލަރު އެބަ ބޭނުންވޭ ޓްރެވިންޑްރަމަށް އާއިލާގެ މީހުން ބަދަލުކުރަން،" އާސަންދަ ލިބެން އަންނަނީ ވެސް އެމީހުން ޓްރެވިންޑްރަމަށް ބަދަލުކުރެވިގެން،" ޝިރުމީނާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ދިވެހި ފަސް މީހުންގެ އާއިލާ އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ މަހު ޑޮކްޓަރަކަށް ދެއްކުމަށެވެ.