04 Dec 2013, 16:54
ގާހިރާ (ޑިސެމްބަރު 4): މިސްރުގެ އައު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް މުޅިން ނިމި އޭގެ ދެލިކޮޕީ ވަގުތީ ރައީސް އަދްލީ މަންސޫރުގެ އަތްޕުޅަށް އަރުވާފައިވާ ކަމަށް ގާނޫނު އަސާސީ އަލުން އެކުލަވާލި 50 މެންބަރުންގެ ކޮމިޓީގެ ރައީސް ޢަމްރު މޫސާ ވިދާޅުވެއްޖެ އެވެ.
މޫސާ ވިދާޅުވީ މިސްރުގެ ރައްޔިތުންގެ މެދުގައި މިހާރު އޮތް ސިޔާސީ ފިތްނަވެރިކަން ނިމުމަކަށް އަންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅައިގެން ރައްޔިތުންގެ ރުހުން އައު ގާނޫނު އަސާސީއަށް ލިބިގެން ކަމުގަ އެވެ. މިސްރުގެ އައު ގާނޫނުގެ ދެލިކޮޕީގައިވާ ގޮތުން ދީނީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސިޔާސީ ޕާޓީތައް ހެދުމަކީ މަނާކަމެއް ކަމަށާ މިސްރުގައި ދީނީ އަސާސްތަކުގެ މައްޗަށް މިހާރު އުފައްދާފައިވާ ޕާޓީތައް ވެސް އެޕާޓީތަކުގެ ޙާލަތު ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް މިސްރުގެ ކުރީގެ ޚާރިޖީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ޢަމްރު މޫސާ ވިދާޅުވި އެވެ.
އައު ގާނޫނު އަސާސީގެ ދެލިކޮޕީއަށް ރައްޔިތުންގެ ރުހުން ހޯދުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މިސްރުގެ ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ވަގުތީ ސަރުކާރުން ބުނެ އެވެ. ޢަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަމުގައި އެކުލަވާލި މިސްރުގެ އައު ގާނޫނު އަސާސީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމުން ރައްޔިތުން ވަނީ އެއަށް އާނބަސް ބުނެފަ އެވެ. ނަމަވެސް މުރުސީ މަގާމުން ދުރުކުރުމަށް ފަހު މިސްރުގެ ވަގުތީ ސަރުކާރުން ވަނީ ދީނީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސިޔާސީ ޕާޓީތައް ހެދުން މަނާކޮށް އަދި އިސްލާމީ ޝަރީޢަތާއިދިކޮޅު ލާދީނީ ބައިތައް ހިމަނައިގެން މިސްރުގެ ގާނޫނު އަސާސީ އަށް އަލުން ބަދަލު ގެނަސްފަ އެވެ.
ޢަސްކަރީ އިންގިލާބެއްގައި މުރުސީ މަގާމުން ދުރުކުރީ މިސްރުގެ ލާދީނީ ފިކުރުގެ ސިޔާސީ ޕާޓީތަކާއި އެގައުމުގެ ސިފައިން ގުޅިގެންނެވެ. މިސްރުގެ ލާދީނީ ފަރާތްތަކާއި ހުޅަނގުގެ ގައުމުތަކުން ވަނީ މިސްރުގައި ނަސާރާއިންވެސް ހިމެނޭގޮތަށް އިސްލާމީ ޝަރީޢަތް ގާއިމްކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މައްޗަށް ކޮށްފައެވެ. ނަމަވެސް އިޚްވާން ޖަމާއަތުން ބުނަނީ އިސްލާމީ ޝަރީޢަތް ގާއިމްކުރުމަށް މަސައްކަތްކޮށްފައި ވާނީ މިސްރުގެ މުސްލިމުންގެ މައްޗަށް އެކަނި ކަމަށާ އެހެން ދީންތަކުގެ މީހުންގެ މައްޗަށް ނޫން ކަމުގަ އެވެ. (އަލްޖަޒީރާ)