ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ލ. އަތޮޅު ކަލައިދޫ ކައުންސިލްގެ ނަމުގައި ރަށު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެ ކައުންސިލް އުފައްދަވައި ލޯކަލް ކައުންސިލްތަކުގެ ލިސްޓް އިޞްލާޙުކޮށްފައިވާ ކަމަށެވެ.

ލ. ކަލައިދޫއަކީ މީހުން އުޅޭ ވަކި ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ހަމަޖައްސަވައިފަ އެވެ.

ކަލައިދޫ ކައުންސިލް އުފެއްދުމާ އެކު ލޯކަލް ރަށު ކައުންސިލްތަކުގެ އަދަދު 190 އަށް އަރާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އަތޮޅު ކައުންސިލްތަކުގެ އަދަދަކީ 19 އެވެ.