ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ރާޖަޕަކްސަ ފޮނުއްވި ސިޓީފުޅުގައި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހޯއްދެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ސިޔާސަތުތަކަށާއި އިސްނެންގެވުންތަކަށް ދިވެހި ރައްޔިތުން ދެއްވި ޔަޤީންކަމާއި އިތުބާރު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ޒަމާންވީ ގާތް ގުޅުމެއްއޮތް ދެ ޤައުމުކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ސްރީލަންކާއަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމުގައި ސްރީލަންކާގެ ރައީސް ވިދާޅުވެފައިވެ އެވެ.