04 Dec 2013, 15:43
ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ އެންމެ ފުރަތަމަ ބައްދަލުވުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ބާއްވައިފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އަކީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބްރޯޑްކާސްޓަރުންނާއި ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށް، ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ކޮމިޓީއެއް ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެ އެވެ.
ޖުމްލަ 17 މެމްބަރުން ހިމެނޭ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ހިމެނެނީ ކޮމާޝަލް ޓީވީ ތަމްސީލުކުރާ ފަރާތްތަކާއި ކޮމާޝަލް ރޭޑިއޯ ތަމްސީލުކުރާ ފަރާތްތަކާއި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރާއި މުޅި ރާއްޖެ އަށް ރީބްރޯޑްކާސްޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަތޮޅުތެރެއަށް ރީބްރޯޑްކާސްޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މި ދާއިރާގެ ސްޓޭކްހޯލްޑަރުންނެވެ.
މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް، ކޮމިއުނިކޭޝަން އޮތޯރިޓީ، އިސްލާމިކް މިނިސްޓްރީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި ނެޝަނަލް ބިއުރޯ އޮފް ކުލެސިފިކޭޝަންގެ މަންދޫބު މިކޮމިޓީގައި ހިމެނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވި ކަމަށް ކޮމިޝަނުން ބުނީ، ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުންނަށް މަރުޙަބާ ދަންނަވައި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި އެޑްވައިޒަރީ ކޮމިޓީގެ ލަފާފުޅަށް ބޭނުންވާ ކަންކަމުގައި ހުރިހާ މެމްބަރުންގެ ހިއްސާ ލިބޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމާއި މިކަމަކީ އެންމެން ގުޅިގެން ކުރެވޭނޭ ކަމެއް ކަމަށް ފާހަގަކުރެއްވި ކަމަށެވެ.