ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި ބ. އަތޮޅުގެ ހަތަރު ރަށެއްގައި ފެން ބޮޑުވެއްޖެ އެވެ.


އެމްއެންޑީއެފްން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރައިގައި ބ. އަތޮޅު އޭދަފުށީގެ އިތުރުން އެ އަތޮޅު މާޅޮހާއި ކެންދޫ އާއި ދަރަވަންދޫގައި ވެސް ފެން ބޮޑުވެފައިވާ ކަމަށެވެ.  އެ ރަށްތަކުގެ ތެރެއިން އޭދަފުށީގައި ބައެއް ހިސާބުތަކުގައި ދޮޅު ފޫޓަށް ފެންގަނޑު ބޮޑުވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


އޭދަފުށީގައި ބޮޑު ވެފައިވާ ފެންގަނޑު ޕަންޕް ޖަހައިގެން ހިއްކުމުގެ މަސައްކަތް ސިފައިން އިއްޔެ އާއި ރޭ ދަންވަރު ވެސް ކުރި އެވެ. އެމްއެންޑީއެފްން ބުނީ އޭދަފުށީގައި ބޮޑުވެފައިވާ ފެންގަނޑު މިހާރު ކޮންޓްރޯލްވެފައިވާ ކަމަށާއި ފެން ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ބައެއް ގޭގެއަށް ފެން ވަދެ، ހިފާގެންގުޅޭ އެއްޗެއްސައް ގެއްލުންވެފައިވާ ކަމަށެވެ.


ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭއަށް ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)އިން ބުނެއެވެ. އަދި ވޭތުވެދިޔަ 24 ގަޑި އިރުގައި އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދޫއަށެވެ. އަދި ރާއްޖޭގެ ދެކުނާއި ހުޅަނގުދެކުނުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.