04 Dec 2013, 15:29
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަންގެ ފޯވާޑް އަހްމަދު ރަޝީދު (އައްމަޑޭ) އަހަރު ތަކަކަށް ފަހު އޭނާ ފުޓްބޯޅަ ކެރިއަރު ފެށި، ކްލަބު އީގަލްސްއަށް އެނބުރި ގޮސްފި އެވެ.
އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ސަން އަށް މިއަދު ވިދާޅުވީ އައްމަޑޭ އީގަލްސްއާ ގުޅިފައިވަނީ، އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށާއި އަދި އައްމަޑޭ ޓީމާ ގުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ އަންނަ ސީޒަނަށް ޓީމު އެކުލަވައިލުމުގެ މަސައްކަތް ކުރަމުން. އެގޮތުން އެންމެ ފުރަތަމަ އަންމަޑޭ މިގުޅުނީ. މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" މުފާ ވިދާޅުވި އެވެ.
މުފާ ވިދާޅުވީ، އަންނަ ސީޒަނަށް އީގަލްސް ވަރުގަދަ ކުރުމަށް ޓަކައި މިހާރުވެސް އިތުރު ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެގޮތުން ދިވެހި އިތުރު ފަސްކުޅުންތެރިން ޓީމަށް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
"އަޅުގަނޑުމެން މި ގެންދަނީ، މިހާރުވެސް އިތުރު ފަސް ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުން. އެގޮތުން ދެން މިބަލަނީ މެދު ތެރެއަށް އަދި ފަހަތަށް ކުޅޭނޭ ރަނގަޅު ކުޅުންތެރިން ތަކެއް ހޯދަން،" އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
މުފާ ވިދާޅުވީ، ކުރިން އެޓީމުން ބޭރު ކުޅުންތެރިން ނުހޯދާ ކަހަލަ ވިސްނުމެއް ގެންގުޅެފައިވީ ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ބޭރު ކުޅުންތެރިއަކު ޓީމުން ފެނުން ގާތްކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ ފުރަތަމަ ދިވެހި ކުޅުންތެރިން ލިބޭތޯ. އޭގެ ފަހުން ބިދޭސީ ކުޅުންތެރިން ހޯދަން ވެސް މަސައްކަތް ކުރާނަން. ކުރިން ބޭރު ކުޅުންތެރިން ނުގެންނަން ނިންމާފައިވަނީ އޭރުގެ ޗެއާމަން. އެކަމަކު މިހާރު އެ ވިސްނުމެއް ޓީމުގަ ނެތް،" މުފާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓީމުގައި މިހާރުވެސް ތިބި ޒުވާން ކުޅުންތެރިން ޓީމުގައި މަޑު ކުރާނޭ ކަމަށާއި އަދި ޓީމުގެ ކޯޗު ކަމުގެ މަގާމަށްވެސް އެއްވެސް ބަދަލެއް ނާންނާނޭ ކަމަށެވެ. އީގަލްސްގެ ކޯޗަކަށް އަންނަ ސީޒަންގައި ވެސް ހުންނާނީ ކުރީގެ ކޯޗު، އިހްސާން އަބްދުލްޣަނީ (ސާންތީ) އެވެ.