04 Dec 2013, 14:29
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި ގަސްތުގައި ތަހުގީގަށް ދޮގު މައުލޫމާތު ދީ ކަމުގެ ހަގީގަތް ސިއްރުކުރުމަށް މަސައްކަތްކޮށްފައިވާކަމުގެ ކުށުގެ ދައުވާގައި ގއ. ކޮނޑޭ ކައުންސިލުގެ ކުރީގެ ރައީސްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ގއ. ކޮނޑޭ ކައުންސިލުގެ ކުރީގެ ރައީސް އެ ރަށު ހުވަދުގެ، އަހުމަދު އައްބާސް، އެ ރަށު ކައުންސިލު އިދާރާއި އާއި އެ އަތޮޅު ހަނޑަހާގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ވަންތަ އިންވެސްޓްމަންޓް އާ ދެމުދު ވެވުނު ކުނި ނައްތާލުމުގެ އެއްބަސްވުން ހަވާލުކޮށްފައިވާ އެރަށު ލުކް އެންޑް ލައިކް އިބްރާހިމްދީދީ އާއި ހަވާލުކުރަން އެ އިންވެސްޓްމަންޓުން ކައުންސިލާ ދީފައިވާ 14920 ރުފިޔާއަށް އެނގި ހުރެ ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން 13100 ރުފިޔާ ނަގާ ތިން މަސް ވެގެންދިޔަ އިރުވެސް އެ ފައިސާ އިބްރާހިމްދީދީ އަށް ވެސް އެރަށު ކައުންސިލަށް ވެސް ޖަމާކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އެ ކޮމިޝަނަށް އައްބާސް ދީފައިވާ ބަޔާނުގައި، ވަންތަ އިންވެސްޓްމަންޓުން އައްބާސްގެ އެކައުންޓަށް ފައިސާ ޖަމާކުރަނީ ބިލުގައިވާ އަދަދަށް ކަމުން ބޭންކުން ކޮމިޝަން ކެނޑުމުގެ ސަބަބުން އޭނާއަށް ގެއްލުންވާކަމަށް ބުނެފައި ވީނަމަވެސް، އެ ކޮމިޝަންވެސް ދައްކަމުން ދިޔައީ ވަންތަ އިންވެސްޓްމަންޓުންކަން އިނގޭތީއާއި ވަންތަ އިންވެސްޓްމަންޓުން އައްބާސްގެ އެކައުންޓަށް ޖަމާކުރާ ފައިސާއިން އޭނާގެ އަތުން ހަރަދުވެފައިވާ ފައިސާ ކެނޑުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން އެކައުންޓުގައި ބަހައްޓާފައި ނުވާނެ ކަމަށް ބުނެފައި ވީނަމަވެސް އެފައިސާ ކައުންސިލުގެ އިދާރާއަށް ޖަމާކޮށްފައިވަނީ 97 ދުވަސް ފަހުން ކަން އިނގެން އެބަ އޮތް ކަމަށްވެސް އޭސީސީން ބުންޏެވެ.