04 Dec 2013, 14:13
ޓޫރިޒަމް ދާއިރާގެ "އޮސްކާސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) ގައި ދުނިޔޭގެ އެންމެ މަގުބޫލް ޖަޒީރާ މަންޒިލްގެ އެވޯޑު ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ.
ގަތަރުގެ ދޯހާގައި ހުންނަ ލަ ޗިގާލް ހޮޓެލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރާއްޖެއިން ދުނިޔޭގެ އެންމެ މަގުބޫލް ޖަޒީރާ މަންޒިލްގެ އެވޯޑު ހޯދާފައި ވަނީ މޮރިޝަސް، ސީޝެލްސް، ބާލީ އަދި ޖެމެއިކާ ފަދަ މަންޒިލްތަކާ ވާދަކުރުމަށް ފަހުގަ އެވެ.
ދެހާސް ބާރަ ވަނަ އަހަރުވެސް ދުނިޔޭގެ އެންމެ މަގުބޫލް ޖަޒީރާ މަންޒިލްގެ އެވޯޑު ގެންގޮސްފައި ވަނީ ރާއްޖެއިން ނެވެ.
މީގެ އިތުރުން މިއަހަރު ރާއްޖެއަށް ހަތަރު އެވޯޑެއް ލިބިފައިވެ އެވެ.
އެއީ އިންޑިއަން އޯޝަންސް ލީޑިންގް ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގް ކުރޫސް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިންގް ޓޫރިސްޓް ބޯޑުގެ އެވޯޑުތަކެވެ.
މީގެ ތެރެއިން އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް މަންޒިލް ނުވަތަ އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއިން ވަނީ 2012 ވަނަ އަހަރު ވެސް ހޯދާފަ އެވެ. އޭގެ ކުރިން 2005 އިން ފެށިގެން ޖެހިޖެހިގެން 5 ފަހަރަށް ރާއްޖެއިން ވަނީ މިއެވޯޑު ހޯދާފަ އެވެ.
އިންޑިއަން އޯޝަންސް ލީޑިންގް ކުރޫޒް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއިން ވަނީ 2010 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ހޯދާފަ އެވެ.
ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން މިއަހަރު ރާއްޖޭގެ ވަކި ވަކި ރިސޯޓުތަކަށް ހަތަރު އެވޯޑެއް ވަނީ ލިބިފަ އެވެ.
ވޯލްޑްސް ލީޑިންގް އެއާޕޯޓް ރިސޯޓްގެ އެވޯޑު ލިބުނު ހުޅުލޭ އައިލެންޑް ހޮޓަލަށެވެ. ވޯލްޑްސް ލީޑިންގް ވޯޓާ ވިލާ ރިސޯޓްގެ އެވޯޑު ހޯދާފައި ވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުން ނެވެ. ވޯލްޑްސް ލީޑިންގް އައިލެންޑް ވިލާސް އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ހޯދާފައި ވަނީ ބަރޮސް މޯލްޑިވްސްއިން ނެވެ.
ރާއްޖެއިން ވޯލްޑް ޓްރެވަލް އެވޯޑުސްގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް މިއަހަރުވެސް ހާސިލްކޮށްފައިވާއިރު، މިއަހަރު ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.