ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ހެޑަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު ހަމައްޖައްސަވައިފި އެވެ.

އަރީފު ކުރިން ހުންނެވީ އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ހެޑަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަންއަށް ވިދާޅުވީ އެ ބަދަލަކީ ފުލުހުންގެ އިދާރާ ކުރިއެރުވުމުގެ ގޮތުން އެގްޒެކެޓިކް ލެވެލްގައި ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި އެފަދަ ބަދަލުތައް މީގެ ކުރިން ވެސް ފުލުހުން އިދާރާގެ ތެރޭގައި ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބަދަލަކީ ފުލުހުންގެ އިދާރާ ކުރިއަރުވާ ތަރައްގީ ކުރުމުގެ ގޮތުން ގެނައި ބަދަލެއް. ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ މަގާމުތަކަށް މިފަދަ ބަދަލުތައް ގެނައުމަކީ އާއްމު ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ކުރިން އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ހެޑަކަށް ހުންނެވި އަބްދު ފައިރޫޝް ވަނީ ޝާވިސް އެންޑް ޑެވޮލޮޕްމަންޓްގެ ޑައިރެކްޓްރޭޓްގެ ހެޑަކަށް ބަދަލުކޮށްފަ އެވެ.

މީގެއިތުރުން ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑަކަށް ޗީފް ސުޕްރިޓެންޑެންޓް އަބްދުލް މައްނާނު ޔޫސުޕް ވަނީ ހަމަޖައްސަވައިފަ އެވެ. އަދި އެ ޑިވިޝަނަލްގެ ޑެޕިއުޓީއަކަށް ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒު އަދި އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ޑައިރެކްޓަރޭޓަކަށް އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ ވަނީ ހަމަޖައްސަވައިފަ އެވެ.