ކުށުގެ ރެކޯޑް ސާފުކޮށްދޭ ވަގުތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ވަގުތު އިތުރުކުރީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ގިނަ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރަން ބޭނުންވާތީ އެފަދަ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

"ކުށުގެ ރެކޯޑް ސާފުކުރުމަށް ގިނަ ބަޔަކު ހާޒިރުވަމުން ދާތީ އެބޭފުޅުންނަށް އެކަން ފަސޭހަ ކޮށްދިނުމުގެ ގޮތުން ، މިއަދާ މާދަމަޔާ، ކޮންމެ ދުވަހަކު ނުވަޔަކުން ފެށިގެން ގޮސް ތިނެއް ޖަހަންދެން އެހިދުމަތް ދޭ ގޮތަށް ހަމަޖެހިފައި އޮތީ،" ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހުމަދު މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދެ ދުވަހު ހިދުމަތް ދޭ ވަގުތު އިތުރުކުރުމުގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ވެސް ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ 11.00 އިން ފެށިގެން ހަވީރު 4.00 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ހިދުމަތް ކްރިމިނަލް ކޯޓުން ކުރިން ދެމުން އައީ ރަސްމީ ކޮންމެ ދުވަހެއްގެ 9.00 އިން 11.45 އަށެވެ.