ލެޕްޓޮޕެއްގައި ފޮރުވައިގެން ގދ. ތިނަދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ހިންގި އޮޕަރޭޝަނެއްގައި އެ ތިން މީހުން ހައްޔަރުކުރީ އެ އަތޮޅު ވާދޫން ފުރައިގެން ތިނަދު އަށް ދިޔަ ފެރީއެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިނަދު އަށް ފޭބި ވަގުތު ކަމަށެވެ.

އެމީހުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައި ވަނީ އެ މީހުން ގެންގުޅުނު ދަބަހެއްގެ ތެރޭގައި އޮތް ލެޕްޓޮފްގެ ރެމް ބައިގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ދެރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ސެލޯފިންކޮޅު ފެނިފައިވެ އެވެ.