މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ބައެއް އޮފިޝަލުން އޮޅުވާލައިގެން ކަންތައްތަކެއް ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހީމް ރަޝީދު ވިދާޅުވީ އޮޅުވާލުންތައް އޮޅުވާލި އޮފިޝަލުން އެހެން އިންތިހާބެއްގައި ބޭނުން ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އެ ޕާޓީގެ ކަމާ ބެހޭ ގުނަންތަކަށް މިހާލު ހުށައަޅާފައިވާ ކަމަށެވެ.

".. އިތުރު މައްސަލައަކަށް އަޅުގަނޑުމެންނަށް ފާހަގަވި، ލިސްޓްގައި ނުހިމެނޭ ބަޔަކަށް ވޯޓްލެވިފައި އޮތްކަން، އަނެއްކާ އެބަހުރި އެތަނުގައި ތިބި އޮފިޝަލުން، ގަނޑެއްގައި ނޯޓްކުރުމަށް ފަހު މީހުންނަށް ވޯޓްލުމުގެ ފުރުސަތު ދީފައި، މިގޮތަށް ވޯޓްލާފައި ތިބި މީހުންގެ ނަންތައް ބެލި އިރު އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވީ އެއްވެސް ގޮތަކަށް އެމްޑީޕީގެ ރަޖިސްޓްރީގައި ނެތް ހަތަރު މީހަކަށް ވޯޓްލުމުގެ ފުރުސަތު ދީގައި އޮތްކަން،" ޕްރައިމަރީގައި މައްސަލަ ޖެހި، ނަތީޖާ ބާތިލުކުރި މާލޭ ސިޓީ ކައުންސިލްގެ ޕްރައިމަރީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަންތައްތައް ހިންގި އޮފިޝަލުން އިންތިހާބެއްގެ ކަމެއްގައި ދެން ބައިވެރި ނުކުރާނެ ކަމަށެވެ.

"އެބޭފުޅުން ދެން ބޭނުމެއް ނުކުރާނަން އެއްވެސް އިންތިހާބެއްގައި، އެބޭފުޅުންގެ މި މައްސަލަތައް އަޅުގަނޑުމެން ވާނެ ޕާޓީގެ ކަމާ ބެހޭ ގުނަންތަކަށް ހުށައަޅާފައި،" އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހިގެން ބާތިލު ކުރި މާލޭ ސިޓީ ކައުންސިލްގެ ޕްރައިމަރީ އަލުން ބޭއްވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަމާ މެދު މިއަދު ނުވަތަ މާދަމާ ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.