04 Dec 2013, 11:49
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވައި ހިންގާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދިނުމަށް އެފްއޭއެމް އިން އިއްޔެ ނިންމައިފި އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމީ އިއްޔެ ހަވީރު ބޭއްވި އެކްސްކޯގެ ބައްދަލުވުމުގައި ކަމަށެވެ.
މީގެ ކުރިން 2009 ވަނަ އަހަރު ސިފައިންނާއި ފުލުހުންނަށް ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ދިން ނަމަވެސް 2010 ވަނަ އަހަރު، އޭރު އެފްއޭއެމްގައި އޮތް އެކްސްކޯއިން ވަނީ، ސިފައިންނާއި ފުލުހުންނަށް އެއިދާރާއިން ހިންގާ މުބާރާތްތަކުން ފުރުސަތު ނުދިނުމަށް ނިންމައިފަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އޭރު ވިދާޅުވެފައިވަނީ، ފުލުހުންނާއި ސިފައިންނަށް އޭރު ފުރުސަތު ދިނީ އަޖުމަ ބެލުމަށްކަމަށާއި އަދި ފަހުން ފުރުސަތު ނުދޭން ނިންމީ އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ކުރި މަގުގައި އަގުނުކުރެވޭ ފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނޭ ކަމަށްވަތީ ކަމަށެވެ.
މިފަހަރު ވެސް ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ދިނުމަށް އެފްއޭއެމްގެ އެކްސްކޯއަށް އެޖެންޑާކޮށްގެން ބޭއްވި ފުރަތަމަ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލް ކުރަންޖެހުނު އިރު އެ ބައްދަލުވުމުގައި ބައިވެރިވީ އެންމެ ކްލަބެއް ކަމަށް ސަންއަށް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުންނާއި ސިފައިން ފުޓްބޯޅައިގެ ތެރެއަށް ވަނުމަށް ތަކުރާރުކޮށް އެފްއޭއެމްގައި އެދެމުން ދާކަމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު މީގެ ކުރިން ވިދާޅުވެފައިވާއިރު، ޑިފެންސް މިނިސްޓަރު ނާޒިމް، "ސަން" އަށް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް އެ ފުރުސަތު ލިބުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އަދި އެކަމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރަށްވާނެ ކަމަށެވެ.
"ކްލަބްތަކުން ބޭނުންނަމަ އަޅުގަނޑުމެން މިތިބީ ކްލަބްތަކާ ވެސް މަޝްވަރާކުރަން ތައްޔާރަށް. އަޅުގަނޑުމެން ވެސް ދިވެހި ފުޓްބޯޅައަށް ދެރައެއް ލިބޭކަށް ނޭދޭން. އެހެންވީމާ މިކަން ކުރަންޖެހެނީ ކްލަބްތަކުގެ ވެސް މަޝްވަރާއާއެކު،" ނާޒިމް ވިދާޅުވި އެވެ.
އެފްއޭއެމްގެ އޮފިޝަލް ވިދާޅުވެފައިވަނީ، ސިފައިންނާއި ފުލުހުންނަށް އެފްއޭއެމްއިން ރާވައި ހިންގާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އިއްޔެ އެކްސްކޯއިން ނިންމާފައިވާއިރު، އެ ދެ މުއައްސަސާގެ ކުޅުންތެރިންނަށް އެހެން ކްލަބްތަކަށް ކުޅުމުގެ ފުރުސަތު ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.