04 Dec 2013, 11:18
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ދެއަހަރަށް އާކޮށްފި އެވެ.
ނިއުގެ ވެބްސައިޓްގައި މިއަދު ބުނެފައިވަނީ ވޭތުވެދިޔަ އަހަރު ތަކުގައި އެ ކްލަބްގައި މުހިއްމު މުހިއްމު ރޯލެއް އަދާކުރި 26 އަހަރުގެ ޑިފެންޑަރު 2015ގެ ނިޔަލަށް ކްލަބްގައި މަޑުކުރުމަށް ނިންމައި، ކްލަބާއެކު ވެފައިވާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
"މިދިޔަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު އެތެރޭގެ މުބާރާތްތަށް ނިންމާލައި، އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ކްލަބް ދަތުރު ކޮށްފައިވާއިރު، ލިލީ ވަނީ ކްލަބްގެ އެ ތާރީހީ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފައި،" ނިއުގެ ވެބްސައިޓްގައި ވެއެވެ.
ނިއުގެ މިހާރުގެ ސްކޮޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން މުހައްމަދު އުމެއިރު (އުމޭ)އާއި އަލީ ފާސިރު (ސެންޓޭ)ވެސް ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ދެއަހަރު ދުވަހަށް އިތުރުކޮށްފައިވާއިރު، މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ފޯވާޑް މުހުތާރު ނަސީރު (ޓޫކިލޯ) ވެސް ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައި ރާއްޖޭގެ ޗެމްޕިއަނުންނާ ގުޅިފަ އެވެ.
ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އަކްރަމް އަބްދުލްޣަނީ (އަކޫ)، މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން އަންނަ ސީޒަންގެ ނިޔަލަށް ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.