މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ''ސީބާޑް'' ނަމަކަށް ކިޔާ ދޯންޏެއްގައި ރޭ މަސްވެރިކަމަށް ނުކުމެއުޅެނިކޮށް މިއަދު ހެނދުނު 07:50ގައި ކަނޑަށް ވެއްޓިގެން ހޯދަން ފަށާފައި ވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ވަޑިގެ، މުމްތާޒު، 33 އަހަރު ކަމަށެވެ.

އޭނާ ކަނޑަށް ވެއްޓުނު އިރު ދޯނި އޮތީ ޝަންގިރިއްލާ ރިސޯޓްގެ އިރު ދެކުނުން ގާތްގަނޑަކަށް 22 ނޯޓިކަލް މޭލް ބޭރުގައި ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންނާއި ކޯސްޓްގާޑް އެއާވިންގްގެ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުން ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަދި މިހާތަނަށް އެ ދޯންޏާ ވެސް ގުޅިފައި ނުވާ ކަމަށާއި އެގޮތުން ކަނޑަށް ވެއްޓުނު މީހާ އޭނާ އެންމެ ފަހުން ލައިގެން ހުރި އެއްޗިއްސާ އެއްޗެއްހި އަދި ސާފު ނުވާ ކަމަށެވެ. އަދި އެ މައުލޫމާތު އެއްކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.