ރާއްޖެ އާއި ސްރީލަންކާ އަށް ހާއްސަކޮށްގެން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ޑިވިޝަނެއް ގާއިމްކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އެފަދަ ޑިވިޝަނެއް އުފެއްދީ މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ މުހިއްމު ދެ ގައުމަކީ ރާއްޖެ އާއި ސްރީލަންކާ ކަން އިންޑިއާ ސަރުކާރަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ބުނީ މިއީ ފޮރިން ސެކްރެޓަރީ ސުޖާތާ ސިން އެމަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ގެންނެވި ފުރަތަމަ ބަދަލު ކަމަށެވެ.

އިންޑިއާއިން މިހާރު ގަބޫލުކުރާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ މައި ދޮރާއްޓަކީ ރާއްޖެ އާއި ސްރީލަންކާ އެވެ.
ރާއްޖެއާ ސްރީލަންކާ އަށް ހާއްސަކޮށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގައި އުފެއްދި ޑިވިޝަންގެ ވެރިއަކަށް ހަމަޖައްސާފައި ވަނީ ސުޗިތުރާ ދުރާއީ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް 2012 ވަނަ އަހަރު ކޮންމެވެސް ވަރެއްގެ ބުރުލެއް އެރިއެވެ. ރާއްޖޭގެ ވެރިކަން އެ އަހަރު ކުއްލި ގޮތަކަށް ބަދަލުވުމަށް ފަހު ހިނގައި ދިޔަ ބައެއް ކަންތަކަކާ ހެދި އުފެދުނު ނުތަނަވަސްކަން ކުޑަކޮށް، ގުޅުން ބަދަހި ކުރުމަށް ދެގައުމުން ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު މި މަހުގެ ފަހުކޮޅު އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް ދިވެހި ސަރުކާރުން ވެސް ވަނީ ދައުވަތު އަރުވާފަ އެވެ.