04 Dec 2013, 10:30
ސައިކަލުން ޖައްސައި އެކްސިޑެންޓް ކޮށްލުމުގެ ސަބަބުން ޕޮލިސް ކޯޕްރަލް ބ. ހިތާދޫ ނަސީމީވިލާ މިސްބާހު އަބްދުﷲ މަރުވި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އުމުރުން 22 އަހަރުގެ މިސްބާހު މަރުވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ށ. ފޯކައިދޫ އާރާމްގޭ ހުސައިން އަފީފް 28، ގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުށްވުމުގެ ކުށުގެ ދައުވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ފަތިހު 4:00 އެހައިކަންހާއިރު އެވެ.
މިސްބާހު މަރުވެފައި ބަނީ އޭނާގެ ގައިގައި "ސައިކަލުން ޖައްސައި" އެކްސިޑެންޓް ކޮށްލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ނިޔާވިއިރު މިސްބާހުގެ ރޭންކަނީ ކޮންސްޓަބަލްގެ ރޭންކެވެ. ނަމަވެސް އޭނާ ނިޔާވިފަހުން ފުލުސް އޮފީހުން ވަނީ އޭނާގެ ރޭންކް ކޯޕްރަލް އަށް ބަދަލުކޮށް އޭނާގެ އާއިލާއަށް އިނާޔަތް ދިނުމަށް ހަމަޖައްސާފަ އެވެ.
ހުސައިން އަފީފް ދުއްވި ސައިކަލްގެ ފަހަތުގައި އިން ގދ. ތިނަދޫ މާދޫނި ހުސައިން އަބްދުﷲގެ މައްޗަށް ދައުވާކޮށްފައި ނުވެއެވެ.