04 Dec 2013, 10:19
ކިޔޭވް (ޑިސެމްބަރު 4): ޔުކްރޭންގެ ބޮޑުވަޒީރު މިކޯލާ އަޒަރޯފްގެ ސަރުކާރުގެ މައްޗަށް ޕާލަމެންޓްގެ އިތުބާރުނެތް ކަމުގެ ވޯޓެއްނެގުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ނާކާމިޔާބުވެ އިތުބާރުނެތް ކަމުގެ ވޯޓުން ސަރުކާރު ސަލާމަތްވެއްޖެ އެވެ.
އިދިކޮޅު އެތައް ޕާޓީތަކެއް ގުޅިގެން ބޮޑުވަޒީރު އަޒަރޯފްގެ ސަރުކާރުގެ މައްޗަށް ނެގި އިތުބާރުގެ ވޯޓު ނާކާމިޔާބުވީ އެކަމަށް ބޭނުންވާ 226 ވޯޓު ނުލިބިގެންނެވެ. އިތުބާރުގެ ވޯޓު ނެގުމާ ބެހޭ ގޮތުން ބޭއްވި ޕާލަމެންޓްގެ ކުއްލި މިޖަލްސާގައި ސަރުކާރަށް އިތުބާރުނެތް ކަމަށް ވޯޓު ދެއްވީ ޕާލަމެންޓް 186 މެންބަރުންނެވެ. ނަމަވެސް ސަރުކާރުގެ މައްޗަށް އިތުބާރުނެތްކަމަށް ނިންމޭނީ ޕާލަމެންޓްގެ 226 މެންބަރުންގެ ވޯޓު ލިބިގެން ކަމަށް ގާނޫނު ބުނާތީ އިތުބާރުނެތް ކަމުގެ ވޯޓުން ބޮޑުވަޒީރު މިކޯލާ އަޒަރޯފް އާއި އޭނާގެ ސަރުކާރުވަނީ ސަލާމަތްވެފަ އެވެ.
ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާތައްކޮށް އަދި އިތުބާރުނެތްކަމުގެ ވޯޓު ނަގައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން މިދަނީ ޔޫރަޕްގެ އިއްތިހާދާ އެކު ޔުކްރޭން ސަރުކާރުން ސޮއިކުރުމަށް ހަމަޖެހިފައިވާ އިޤްތިސާދީ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޔުކްރެއިން ސަރުކާރުން އެންމެ ފަހުވަގުތު ދެކޮޅު ހެދުމާ ގުޅިގެންނެވެ.
ޔުކްރޭންގެ ރައީސް ވިކްޓާ ޔަނޮކޮވިޗް މިކަމާ ދެކޮޅު ހެއްދެވީ އަވަށްޓެރި ރަޝިޔާގެ ނުފޫޒުގެ ސަބަބުން ކަމަށާ ރައީސް ޔަނޮކޮވިޗް އަކީ ރަޝިޔާގެ ނުފޫޒުގެ ދަށުގައިވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް އޭނާގެ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތާ މިހާރުވަނީ ހަފްތާއަކަށްވުރެ ގިނަދުވަސްވެފަ އެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކާ އެކު ބައެއް ވުޒާރާތައް ވެސް އިދިކޮޅު ފަރާތްތަކުން ހިސާރުކޮށްފައި ވާތީ ސަރުކާރުން ދޭ ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށާ މުސާރަ ދިނުމާއި ޕެންޝަން ފައިސާ ދޫކުރުން ފަދަ ކަންކަން މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޔުކްރޭންގެ ބޮޑުވަޒީރުއަޒަރޯފް ވަނީ ވިދާޅުވެފަ އެވެ.
ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން އިއްޔެވަނީ ޕާލަމެންޓަށް ގަދަބާރުން ވަދެގަނެ އެތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މި މަސައްކަތްވަނީ ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)