04 Dec 2013, 10:12
ޕެރިސް (ޑިސެމްބަރު 4): ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު ޢަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުން ނޫންކަމަށާ އޭނާ އަވަހާރަވީ ތަބީޢީ ގޮތުން ކަމަށްބުނެ ފަރަންސޭސި ޑޮކްޓަރުންގެ ޓީމަކުން ރިޕޯޓެއް ނެރެފި އެވެ.
ޕެރިހުގެ ޢަސްކަރީ ހޮސްޕިޓަލުގައި ޢަރަފާތަށް ފަރުވާދެއްވި ޑޮކްޓަރުން ނެރުނު މިރިޕޯޓްގައި އޭނާގެ މެޑިކަލް ޓެސްޓްތަކުން ހަށިކޮޅުގައި ވިހައިގެ އެއްވެސް އަސަރެއްހުރިކަން ހާމަވެފައިނުވާ ކަމާ އަދި އަވަހާރަވެފައިވަނީ ތަބީޢީ މަރަކުން ކަމަށް ބުނެފައިވެ އެވެ.
ޢަރަފާތު އަވަހާރަވީ ލޭގެ މައްސަލައަކުން ކަމަށް އޭނާއަށް ފަރުވާދިން ފަރަންސޭސި ޑޮކްޓަރުން ކުރިންވެސް ބުނެފައިވާ ވާހަކަތައް މިރިޕޯޓްގައި ތަކުރާރުކޮށްފައިވެ އެވެ. އިސްރާއީލުގެ ހިސާރުގެ ދަށުގައި ދެއަހަރު ބައިވަންދެން ހުންނެވި އަރަފާތުގެ ހާލުކޮޅު 2004 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހު ހަފްތާގައި ކުއްލިއަކަށް ބޮޑުވުމާ ގުޅިގެން ކުއްލި ހާލަތުގައި އޭނާ ގެންދެވުނީ ޕެރިހުގެ ޢަސްކަރީ ހޮސްޕިޓަލަކަށެވެ. އެހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް އަރަފާތު އަވަހާރަވެފައި ވަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގަ އެވެ.
ޢަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުން ނޫންކަމަށާ އޭނާ އަވަހާރަވީ ތަބީޢީ ގޮތުން ކަމަށްބުނެ ފަރަންސޭސި ޑޮކްޓަރުންގެ ޓީމުން އިއްޔެ ނެރުނު ރިޕޯޓުގެ ސައްޙަކަމާ މެދު ޢަރަފާތުގެ ޢާއިލާ އިން ވަނީ ޝައްކުކޮށްފަ އެވެ. ޢަރަފާތަށް ބޮޑުބޭބެ ވިދާޅުވާ ފަލަސްތީނުގެ ކުރީގެ މަސްއޫލުވެރިއެއް ކަމަށްވާ ނާސިރުލްޤުދްވާ ވިދާޅުވީ ޢަރަފާތުގެ ކަށިން ސާމްޕަލް ނަގައިގެން ސްވިސް ސައެންސްވެރިންގެ ޓީމަކުން ކުރި ތަހްޤީޤްތަކުން އޭނާގެ ހަށިކޮޅުގައި ޕޮލޯނިޔަމްގެ އަސަރު އެތައް ގުނައަކަށް މައްޗަށް ހުރިކަން ސައެންޓިފިކްގޮތުން ސާބިތުވެފައިވާއިރު ޢަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުން ނޫންކަމަށް ބުނެ ފަރަންސޭސި ޑޮކްޓަރުންގެ ޓީމަކުން ނެރުނު ރިޕޯޓަކީ ސައްޙަ ރިޕޯޓެއް ކަމަށް ނުބެލެވޭނެ ކަމުގަ އެވެ.
ފަލަސްތީނުގެ ބައެއް މަސްއޫލުވެރިން ވަނީ ނިއުކްލިޔާ ރޭޑިޔޯ އެކްޓިވް މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމް ވިހަ ދީގެން ޢަރަފާތު އަވަހާރަކޮށްލާފައި ވަނީ އިސްރާއީލުން ކަމަށް ތުހުމަތުކުރައްވާފަ އެވެ. ފަލަސްތީނުގެ އިސްމަސްއޫލުވެރިއަކު އިއްޔެ ވިދާޅުވީ އަރަފާތުގެ މަރުގެ ފަހަތުގައިވާ ކަމަށް ތަހްގީގުތަކުން ހާމަވާ ފަރާތްތަކުގެ ނަންތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމުގަ އެވެ. 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހު ޢަރަފާތު އަވަހާރަވީ އިސްރާއީލުގެ ހިސާރުގެ ދަށުގައި އޭނާ ހުންނަވާތާ ތިން އަހަރާ ގާތްވެފައިވަނިކޮށެވެ.
ފަރަންސޭސިވިލާތުގެ ލޮޒާންގައި ހުންނަ ރޭޑިއޭޝަން ފިޒިކްސްއާ ބެހޭ މަރުކަޒުގެ ވެރިޔާ ފްރާންސްވާ ޕޯޝޯ ވެސްވަނީ ޢަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުން ނޫން ކަމަށްބުނެ ފަރަންސޭސި ޑޮކްޓަރުންގެ ޓީމަކުން އިއްޔެ ނެރުނު ރިޕޯޓުގެ ސައްޙަކަމާމެދު ސުވާލު އުފައްދަވާފަ އެވެ. (އަލްޖަޒީރާ)