ރާއްޖޭގެ އާ ސަރުކާރުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޮސްޓްރޭލިޔާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބީން މޫޑީ ވިދާޅުވެއްޖެ އެވެ.

"އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްސް 2014" އިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ 35 ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ސަފީރު ވިދާޅުވީ، ރާއްޖޭގައި އަލަށް އިންތިހާބު ކުރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަދި އެ މަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންނަށް މަރުހަބާއާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ރަހްމަތްތެރިކަން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށާއި އަދި ރާއްޖޭގެ ތަރަށްގީއަށް ޓަކައި ދެގައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް އަޅުގަނޑު ބޭނުންވޭ. އަދި އާ ސަރުކާރުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރާނެ ކަމަށް އުންމީދުކުރަން،" އޮސްޓްރޭލިއާ ސަފީރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އިން މަތީ ތައުލީމު ހާސިލްކޮށްގެން އެނބުރި ރާއްޖެ އައިސް އެކިދާއިރާތަކުގައި ހިދުމަތްކުރައްވަމުންގެންދަވާ ފަރާތްތަކާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވެސް މޫޑީ ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އޮސްޓްރޭލިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތްގުޅުމުގެ އަގު ވަރަށް ފުރިހަމައަށް ވަޒަން ކުރައްވާ ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޓަކައި އޮސްޓްރޭލިޔާ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ވަރަށް ބޮޑަށް ފާހަގަކުރަށްވާ ކަމަށެވެ.


"ރާއްޖެއާ ދޭތެރޭގައި އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުން ބަހައްޓަވާ ދީލަތިކަމަށް ޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އޮސްޓްރޭލިޔާ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ދުންޔާ ވިދާޅުވި އެވެ. "ހައިކޮމިޝަނާ މޫޑީ، ކަމަނާ އާއި ކަމަނާގެ މުވައްޒަފުން ރާއްޖެއަށް ތިޔަފަދަ ރަނގަޅު ރަހްމަތެރިންތަކަކަށް ވީތީ އަޅުގަނޑު ޝުކުރު ދަންނަވަން. އޮސްޓްރޭލިއާ އިން ތައުލީމު ހާސިލްކޮށްގެން މެދުކެނޑުމެއް ނެތި މިގައުމުގެ ހިދުމަތުގައި މަސައްކަތް ކުރަށްވަމުން ގެންދަވާ ފަރާތްތައް ފެނިވަޑައިގަންނަވާނެ. މިތަނަށް ބައްލަވައިލެއްވި ނަމަވެސް ރާއްޖޭގެ ތަރައްގީގައި ހަރަކާތްތެރިވަމުން ގެންދަވާ އެފަދަ ޒުވާން އެތައް ލީޑަރުންނެއް އެބަ ތިއްބެވި."

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރަށްގީ ކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުން ވެދެމުންގެންދާ ދީލަތި އެހީތައް މެދުކެނޑުމެއް ނެތި ލިބެމުންދިއުމަކީ އިންތިހާއަށް މުހިއްމު ކަމެއް ކަމަށާއި އަދި އެއީ ރާއްޖޭގެ ތަރަށްގީއަށް ލިބޭނޭ އަގުނުކުރެވޭ ފަދަ ބޮޑު އެހީތެރިކަމެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ހިލޭ އެހީގެ ދަށުން ތިން ދާއިރާއަކުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު 2014 ވަނަ އަހަރު ރާއްޖޭގެ 35 ދަރިވަރުންނަށް ލިބިފައިވެ އެވެ.

ފީއެޗްޑީއަށް ކިޔެވުމުގެ ދެ ފުރުސަތަކާއެކު ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީއަށް މަތީ ތައުލީމު ހާސިލްކުރުމަށް 33 ފުރުސަތެއް ދީފައިވާއިރު އޭގެ ތެރޭގައި އެޑިއުކޭޝަން، އެންވަޔަރަންމެންޓް އަދި ގަވަނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާތައް ހިމެނެ އެވެ.