04 Dec 2013, 09:47
ގެއެއްގެ ތިން ވަނަ ބުރިން ފުންމާލި އަންހެނަކަށް ޒަހަމްތަކެއްވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ދަންވަރު 3:15 އެހާކަންހާއިރު އެލިއާ ޝޯ ރޫމްގެ އަނެއް ކަންމަތީ ހުންނަ މ. ލަކީސްޓާ ތިން ވަނަ ބުރިން އެ އަންހެން މީހާ ފުންމާލުމުން ބޮޑެތި ޒަހަމް ތަކެއްވެފައިވެ އެވެ. އަދި އޭނާ އަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދެމުންނެވެ.
އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ އެކަމާ ގުޅިގެން ލިބޭގޮތް ނުވެފަ އެވެ.
އެވަގުތު އެލިއާ ޝޯ ރޫމްގެ ސެކިއުރިޓީ ގާޑަކަށް އިން ބަނގުލަދޭސް މީހާ އެކަން ހިނގި ގޮތް "ސަން" އަށް ކިޔައި ދެމުން ބުނީ ރޭ ދަންވަރު 3:15 އެހާކަންހާއިރު ޒުވާން އަންހެންކުއްޖަކު ލަކީ ސްޓާ ގެއިން ވެއްޓުމުން ބޮޑެތި ގެއްލުންތަކެއްވެ ގިނަ ލޭ އައިސްފައިވާ ކަމަށެވެ. އަދި އޭނާ އެވަގުތު ލައިގެން ހުރީ ހަމައެކަނި އެތެރެއިންލާ އެއްޗެތި އެކަނި ކަމަށެވެ.
ސަންގެ ނޫސްވެރިންވެސް އެގޭ ސަރަހައްދަށް ގޮސް ބެލިއިރު އަންހެން މީހާ ވެއްޓުނު މަގުމަތީގައި ވެސް ލޭ ހުއްޓެވެ.
"އެކުއްޖާ ވެއްޓުނީމަ އެތަނުގައި ހުރި ދިވެހި ދެ ފިރިހެން މީހާ އެއަންހެން ކުއްޖާ ސައިކަލަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައީ، ގެންދިޔަ އިރު އެކުއްޖާ ހޭ ހުންނަންނީ. އެކަމަކު އެގަޑީގައި އޭނަ ވަރަށް ސީރިއަސް ހާލުގައި އޮންނަނީ" އެސެކިއުރިޓީ ގާޑް ސަން އަށް ކިޔައިދިނެވެ.
އޭނާ ބުނީ އެއަންހެން މީހާ ވެއްޓުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފިރިހެނަކު އެތަނަށް އައި ކަމަށާއި އަދި އެއީ ވެއްޓުނު އަންހެން މީހާގެ ފިރިމީހާ ކަމަށް އޭނާ ބުނި ކަމަށެވެ. "ކޮބާ އޭނަ، އަންހެން ކުއްޖާ ވެއްޓުނު އިރު ހޭހުރިތަ" އެހެން އެފިރިހެންމީހާ އެހި ކަމަށާއި އެއަށް ފަހު އެނބުރު އޭނާ އެގެއަށް އެރި ކަމަށެވެ. އަދި އަނބުރާ ތިރިއަށް އައިސް ފަހުން ހޮސްޕިޓަލަށް ކަމަށް ބުނެ އެފިރިހެންމީހާ ވެސް އައިޖީއެމްއެޗް އާއި ދިމާލަށް ގޮސްފައިވާ ކަމަށް ސެކިއުރިޓީ ގާޑް ބުންޏެވެ.
ލަކީ ސުޓާ ގޭގައި ދިރިއުޅޭ މީހަކު މިއަދު "ސަން" އާއި ވާހަކަ ދައްކަމުން ބުނީ އަންހެންމީހާ ވެއްޓުނު ކޮޓަރީގައި ދިރިއުޅެނީ ޒުވާން ދެމަފިރިން ކަމަށެވެ. އަދި އެ ދެ މީހުންގެ ދަރިއެއް ނުހުންނަ ކަމަށާއި ދޭތެރެދޭތެރެއިން އެދެ މީހުން ޒުވާބުކޮށް ހަދާ އިރު ރޭވެސް އެކަހަލަ ޒުވާބުތަކެއް އެދެ މީހުންގެ މެދުގައި ހިނގާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނުކޮޅުގައި ހުރި ގެއަކުން ރޭ ދަންވަރު އަންހެނަކު ފުންމާލި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.