ބޭރުގެ ވަރުގަދަ އިންވެސްޓަރުން ތިބެނީ ރާއްޖެ އަށް އަބަދު ވެސް ބަލަބަލަ އެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑެވެ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމަށާއި ގެދޮރު އިމާރާތްކުރުމަށާއި އެނޫންވެސް ދާއިރާތަކުގައި އިންވެސްޓްކުރަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. ނަމަވެސް އެ މީހުންގެ ޝަކުވާއަކީ ރާއްޖެ އިން ލިބޭ ފުރުސަތުތައް މަދުވުމެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ބޭރުގެ ނަން މަޝްހޫރު ބިޔަ ކުންފުނިތަކުން ވަނީ ވަކި ހިތްޕާލައިފަ އެވެ. އޭގެ އިތުރުން ހައުސިން މާކެޓަށް ވެސް ބޭރުގެ އެތައް ބަޔަކު ވަނީ އިންވެސްޓްކުރަން ފަށައިފަ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭރުގެ ކުންފުނިތައް ދަނީ މަދުން ނަމަވެސް ހަރަކާތްތެރިވަމުންނެވެ.

އާ ސަރުކާރު ހަވާލުވުމަށް ފަހު ވަނީ ކުރީގެ ސަރުކާރުގައި ތައާރަފްކުރި އިންވެސްޓް މޯލްޑިވްސް އަލުން ފަށައިފަ އެވެ. އިންވެސްޓް މޯލްޑިވްސް އަކީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިދޭ މައި ދޮރާއްޓެވެ. ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި އެތަން އޮތީ ހުއްޓިފަ އެވެ. ނަމަވެސް އާ ސަރުކާރަށް އެތަނުގެ މުހިންމުކަން ވިސްނިގެން އަލުން ވަނީ އިންވެސްޓް މޯލްޑިވްސް ހަރަކާތްތެރިވާން ފަށައިފަ އެވެ.

އިންވެސްޓް މޯލްޑިވްސްގެ މައިގަނޑު މަގުސަދަކީ ސަރުކާރުން ހިންގާ އިގްތިސާދީ ހާއްސަ މަޝްރޫއުތައް ތައާރަފްކޮށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ފުރުސަތު ދިނުމެވެ. އަދި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ކަންތައްތައް މަގުފަހިކޮށްދިނުމެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދި ރައީސް އުފައްދަވާފައިވާ އިކޮނަމިކް ޑިވިޝަންގެ ކޯ ޗެއާ އަހުމަދު އަދީބު ވިދާޅުވީ އިންވެސްޓް މޯލްޑިވްސްގެ މަސައްކަތް އަލުން ފަށައިގަންނަނީ ރާއްޖެ އަންނަ އިންވެސްޓަރުން އިތުރުކުރުމަށާއި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަސޭހައިން އަންގައިދިނުމަށެވެ.

"އިންވެސްޓް މޯލްޑިވްސްގެ ތެރެއިން އަޅުގަނޑުމެންނަށް އަންގައިދެމުން ދެވޭނެ އަދި ގިނަ އިންވެސްޓަރުން އަޅުގަނޑުމެންނަށް ގެނެވޭނެ އިންވެސްޓް މޯލްޑިވްސްގެ ތެރެއިން. އެމީހުންނަށް އަޅުގަނޑުމެންނަށް ޕްލެޓް ފޯމެއް ފަހިކޮށްދެވޭނެ. ރާއްޖެ އިންވެސްޓްމަންޓްތަކަށް ތައްޔާރު ކަމަށް އަޅުގަނޑުމެންނަށް ބުނެދެވޭނެ،" އަދީބު ވިދާޅުވި އެވެ.

އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތައް ހިނގަމުންދަނީ ކުރިން ވެސް ހިންގި ގޮތަށް އިކޮނަމިކް މިނިސްޓްރީގެ ބައެއްގެ ގޮތުގަ އެވެ. އެކަމަކު އެތަނަކީ އިގްތިސާދީ ކަންކަމުގައި ސިޔާސަތުތައް ކަނޑައަޅާ ނިންމުންތައް ނިންމާނެ ތަނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ އަށް އަންނަ އިންވެސްޓަރުން އެއް ދިމާލަކަށް ގެނެސް އެ މީހުންގެ ފަރާތުން އިގްތިސާދަށް ފައިދާތަކެއް ހޯދައިދޭން އިންވެސްޓަރުން ޕްރޮމޯޓް ކުރާނެ އިދާރާއެއް ބޭނުން ކަމަށެވެ. އިންވެސްޓް މޯލްޑިވްސް އަކީ ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނަށް ރާއްޖެ ޕްރޮމޯޓް ކުރާނެ ޕްލެޓްފޯމަކަށް މުސްތަގުބަލުގައި ވެގެންދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. "އިންވެސްޓް މޯލްޑިވްސްގެ ވެބް ސައިޓް ތެރޭން ލިބިގެން ދާނެ ރާއްޖޭގައި ވިޔަފާރި ކުރުމާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް. މީގެ ތެރެއިން އިންވެސްޓަރުން އަޅުގަނޑުމެންނަށް ރާއްޖެ އަށް ވަރަށް ބޮޑަށް އިތުރުކުރެވޭނެ. މިއީ ނަމެއްގެ ބަދަލުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތެއް."

އިންވެސްޓް މޯލްޑިވްސް އަލުން ފެށުމަށް ފަހު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އެޅުމުގެ މަޝްރޫއެވެ. އޭގެ އިތުރުން އިގްތިސާދީ ކަންތައްތަކާ ގުޅޭ މަޝްރޫއުތައް ހިންގާނީ އިންވެސްޓް މޯލްޑިވްސްގެ ބެލުމުގެ ދަށުން ކަމަށް އިގްތިސާދީ ޑިވިޝަންގެ ކޯ ޗެއާ އަދީބު ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އަލުން ހުޅުވާލާއިރު ބޭރުގެ ފަރާތްތަކާއި ދިވެހިން ގުޅިގެން ކުރިމަތިލެވޭނެ ދާއިރާތަކާއި އެފަދަ ފަރާތްތަކަށް ދޭނެ އިނާޔަތްތަކާއި ހިމާޔަތަކީ ކަށަވަރުވާން ޖެހޭ ކަންތައްތަކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ގާނޫނީ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފަ އެވެ. ހަލުއި ދުވެއްޔެއްގައި އިގްތިސާދީ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނަށް މީގެ ކުރިން ހުޅުވާލެފައިވާ މަސްވެރިކަމުގެ ސިނާއަތު ހުޅުވާލަން ޖެހެ އެވެ. ރާއްޖެއިން ރޯމަސް ގަނެ އެކްސްޕޯޓްކުރުމުގެ ހުއްދަ މީގެ ކުރިން ދީފައި ވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.

"ދިވެހިންނަށް ހަމައެކަނި ހުޅުވާލާފައި އޮތުމުން އެ ދާއިރާއަށް އަންނަން ޖެހޭ ހަގީގީ ތަރައްގީއެއް ނާދޭ. އިންވެސްޓްކޮށްގެން މަދު ދިވެހި ވިޔަފާރިވެރިންނަށް ވެސް އެކަން ރަނގަޅަށް ނުވެގެން އެ އުޅެނީ. ފައިސާގެ މައްސަލައާއި އެނޫން ވެސް ތަފާތު އެކި ސަބަބުތަކާ ހެދި. އަޅުގަނޑު ދެކޭ ގޮތުގައި މަސްވެރިކަމުގެ ދާއިރާ ވެސް އެބަޖެހޭ ބޭރުގެ ފަރާތްތަކަށް ހުޅުވާލަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހައުސިން މަޝްރޫއުތަކާއި ފެނާއި ނަރުދަމާ އަދި ބޭންކިން ދާއިރާއަށް ބޭރުގެ އިންވެސްޓަރުން މިހާރު އިންވެސްޓްކުރަމުން އެބަދެ އެވެ. ނަމަވެސް އެކަންތައްތައް މިހާރަށް ވުރެ ފުޅާކޮށް ވަރުގަދަކުރުމަށް ބޭރުގެ އިތުރު އިންވެސްޓަރުން ގެންނަން ވަނީ ޖެހިފަ އެވެ.

ބޭރުގެ އެތައް އިންވެސްޓަރުންނެއް މިހާރު ވެސް ރާއްޖެ އަންނަން ތައްޔާރަށް އެބަތިއްބެވެ. އެ މީހުންގެ ހަމައެކަނި ޝަރުތަކީ އެ މީހުންގެ އިންވެސްޓްމަންޓަށް ހިމާޔަތްކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމެވެ.

"ބޭރުގެ ބައެއް ބޮޑެތި އިންވެސްޓަރުން ވަނީ ރާއްޖެއިން ވަރަށް ހިތި ތަޖުރިބާތަކެއްކޮށްފައި. އެ މީހުންނަށް މިހާރު ވެސް ގާނޫނީ ގޮތުން ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ލިބުމުން އަންނަން ތައްޔާރަށް ތިބީ. އަޅުގަނޑުމެންނާ ގުޅުން ހުރި ވަރަށް ގިނަ ވިޔަފާރިވެރިން މިހާރު ވަނީ ރާއްޖޭގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައި،" ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވިޔަފާރިކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަވަށްޓެރި ލަންކާ އާއި ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށެވެ.

"ލަންކާގެ ސަރުކާރުން މިހާރު ވަނީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ކުންފުނިތަކަށް ދައުވަތު ދީގެން ބޮޑެތި މަޝްރޫއުތަކެއް ފަށާފައި. ސިންގަޕޫރާއި މެލޭޝިއާ އިގްތިސާދީ ގޮތުން ވަރުގަދަ ގައުމުތަކަށް ވެފައި ވަނީ ބޭރުގެ އިންވެސްޓަރުންނަށް ދިން ފުރުސަތުތަކުގެ ސަބަބުން. އެ ފުރުސަތު ރާއްޖެއަށް ވެސް އެބަ އޮތް. އަވަހަށް އެ ފަދަ ފަރާތްތަކަށް ގެނެވޭ ގޮތްތައް ހޯދަންވީ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އާ ސަރުކާރުން ވަނީ އިންވެސްޓަރުންނަށް ބޮޑެތި ވައުދުތަކެއްވެފަ އެވެ. ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި ބިޔަ މަޝްރޫއުތަކެއް ފަށާނެ ކަމުގެ ސިގްނަލް މިހާރު ވަނީ ދޭން ފަށައިފަ އެވެ.