އޮޑިޓާ ޖެނެރަލް ކަމަށް، އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އަލީ ރަޝީދު އުމަރުގެ ނަން ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލި ކޮށްލުމަށް އިހުތިރާމް ކުރައްވާ ކަމަށާއި އަލުން ވިސްނާ ވަޑައިގެންނެވުމަށް ފަހު ލަސް ނުކުރައްވާ ރައީސް އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ މިއަދު މަޖިލީހުން ނިންމެވި ނިންމެވުމަށް ސަރުކާރުން ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށެވެ.


"އަޅުގަނޑުމެން އަތުގައި އެބަހުރި އެކަމަށް ގާބިލު ވަނަވަރުތައް. ރައީސް މި މައްސަލައާމެދު އަލުން ވިސްނަވާ ވަޑައިގަތުމަށް ފަހު މާލަސްތަކެއް ނުވެ ގޮތެއް ނިންމަވާނެ،" ޒުހައިރު ވިދާޅުވި އެވެ.


އަލީ ރަޝީދުގެ މައްޗަށް ނެގުނު ވޯޓާމެދު ވިދާޅުވަނީ ކީކޭތޯ ސުވާލު ކުރުމުން ޒުހައިރު ވިދާޅުވީ އަލީ ރަޝީދު އުމަރު 35 ވޯޓު ހޯއްދެވުމުން އުފާ ކުރައްވާ ކަމާއި އެހެން ނަމަވެސް "ނުބީހެންޏާ ކަނޑާ ހަމަ" ކަމަށެވެ.


"އެހެން ނަމަވެސް ފާސް ނުވީމަ އެ ފާސް ނުވީ، އެކަމަކު އެމަނިކު ފާނު 35 ވޯޓު ހޯއްދެވުމުން އަޅުގަނޑުމެން އުފާ ކުރަން،" ޒުހައިރު ވިދާޅުވި އެވެ.  


މ. އާދިއްލީގޭ އަލީ ރަޝީދުގެ ނަން ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް މެންބަރުން ބަހުސް ކުރުމަށް ފަހު އެނަމަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވީ 35  މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 34  މެންބަރުން ވޯޓު ދެއްވި އެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލައެއް ކަމަށްވާތީ، އަލީ ރަޝީދަށް ރުހުން އޮތްކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތު ކަމުގައިވާ 39 މެންބަރުންގެ ވޯޓު ލިބެންޖެހެ އެވެ.