04 Dec 2013, 01:28
ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާއިރު ދީނީ މީހުންނަށް ލުއިއަދަބުދޭ އުސޫލެއް ގެންގުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތައް އެ ކޯޓުން ދޮގުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މަޝްހޫރު ގާރީ މ. ޑްރީމީލައިޓް ހުސައިން ތައުފީގުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވުމުން އަދަބު ކަނޑައެޅި އިރު ލުއި އަދަބު ދިނުމަށް ފަހު، ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ)ގެ މައްޗަށް ސާބިތުވި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުން ބޮޑު އަދަބު ދީފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ޚަބަރު ފަތުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ގާރީ ތައުފީގުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ އެކަނިކުރެ އެހެންބަޔަކަށް ފެންނަހެން އަމިއްލަ އަށް ބަދުއަޚުލާގީ އަމަލު ހިންގާފައިވާތީ ކަމަށެވެ. އަދި ހޯރަ އިއްބެގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ގާރީ ތައުފީގަށް ކޯޓުން ކަނޑައަޅާފައިވާ އަދަބަކީ 15 އެތިފަހަރުން ތައުޒީރު ކުރުމާ އެކު ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލުމެވެ.
މަނިކު ވިދާޅުވީ ގާރީ ތައުފީގުގެ މައްޗަށް އަބަދު ކަނޑައަޅާފައި ވަނީ "ބަދުއަޚުލާގީ ކުށާ ޒިނޭގެ ކުށުގެ އަދަބު" އާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ. އެއީ މާކުރީގެ ގައިވާއިދަކަށް ވުމުން އެ ގަވާއިދުގައި މިޒަމާނާ ގުޅޭގޮތަށް އެކަށީގެންވާ އަދަބު ކަނޑައަޅާފައި ނުވެއެވެ.
ކުށް ސާބިތުވެއްޖެނަމަ މީހެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ގާޒީ ބަލަންޖެހެނީ ގާނޫނަށް ކަމަށާއި ގާނޫނުގައި ނެތް އަދަބެއް އެއްވެސް މީހަކަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި ކަނޑައެޅިފައިނުވާ އަދަބެއް ކިހިނެތްތޯ ދެވޭނީ. ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނަކީ ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ ގާނޫނެއް. އެހެންވީމަ އެ ގާނޫނުގެ ދަށުން ދައުވާ ކުރާ މައްސަލައެއް ސާބިތުވެއްޖެނަމަ އެ ގާނޫނުގައި ކަނޑައަޅާފައި ނެތް ލުއި އަދަބެއް ކިހިނެތްތޯ ދޭނީ،" މަނިކު ވިދާޅުވި އެވެ.
ހޯރައިއްބެގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކަމަށާއި އޭނާގެ މައްޗަށް ސާބިތުވި ކުށަށް ދީފައި ވަނީ އެ ގާނޫނުން ދެވެން އޮތް އެންމެ ލުއި އަދަބު ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.