މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ލ. ގަމު ފިޝަމަންސް ކޮމިޔުނިޓީ ސެންޓަރުގައި ހިންގި އޮޑި ދޯނި ފަހަރުގައި ކަރަންޓް ވަޔަރު ކުރަން ދަސްކޮށްދޭ ކޯހާއި، ފިޝްފައިންޑާ ޖީޕީއެސް ސެޓިންހެދުމާއި އިންޖީނު މަރާމާތުކޮށް ބަލަހައްޓަން ދަސްކޮށްދޭ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓާއި ހަނދާނީ ލިޔުންދީފި އެވެ.

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހްމަދު މަނިކު ވިދާޅުވީ މިއަދު ނިމިގެން މިދިޔަ ކޯސް ތަކަކީ އެ އެސޯޝިއޭޝަނާއި އިންޓަނޭޝަނަލް ޕޯލްއިންލައިން ފައުންޑޭޝަނާއި މީގްރޮސް ސްވިޒަލޭންޑްގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްލިނިކާއި އެމްޓީސީ އާއި މައިޒާން އިލެކްޓްރޯނިކްސްގެ އެހީތެރިކަމާއި އެކު ހިންގި ކޯސްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ކޯސް ތަކުގެ ސަބަބުން މަސްވެރިންނަށާއި އޮޑިވެރިންނަށް މިހާރަށް ވުރެ އިތުރު ތަމްރީނުތައް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

މޯލްޑިވްސް ޕޮލި ކްލިނިކްގެ ސެޓްފިކެޓް 3 ގެ ފެންވަރަށް ހިންގުނު މިކޯހުގެ ބައިވެރީންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އާއި ލ. ގަމު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުލް ވައްޚާބެވެ.

ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ރާއްޖޭގައި ހުނަރުވެރި ޒުވާން ކެޔޮޅުން ތަމްރީނިނުކޮށް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް ލުއި ފަސޭހަ ކޮށް ދިނުމުގެ މަގުސަދުގައި ހިންގި މި ކޯހުގެ 14 ބައިވެރީންގެ ތެރެއިން ކޮންމެ ބައިވެރިއަކަށް ވެސް އެލަވަންސް އެއްގެ ގޮތުގައި 2000ރ. ދީފައި ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ކޯސްޓަލް ނެވިގޭޝަނާއި މާސްޓާ ފިޝަމަންސް އަދި މަސްވެރިކަމާއި ގުޅުން ހުރި އެހެނިހެން ކޯސްތައް ހިމެނޭ ކަމަށެވެ.