އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ހިލޭ އެހީގެ ދަށުން ތިން ދާއިރާއަކުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު 2014 ވަނަ އަހަރު 35 ދަރިވަރުންނަށް ލިބިއްޖެ އެވެ.

ފީއެޗްޑީއަށް ކިޔެވުމުގެ 2 ފުރުސަތަކާއެކު ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީއަށް މަތީ ތައުލީމު ހާސިލްކުރުމަށް 33 ފުރުސަތެއް ދީފައިވާއިރު އޭގެ ތެރޭގައި އެޑިއުކޭޝަން، އެންވަޔަރަންމެންޓް އަދި ގަވަރނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާތައް ހިމެނެ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޯލާޝިޕްސް 2014 (އޮޒެއިޑް)އިން ފުރުސަތު ލިބުނު ދަރިވަރުންނަށް މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުން ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެވެޑައިގެންނެވިއިރު އެ ހަފްލާގައި އޮސްޓްރޭލިއާއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮބީން މޫޑީއާއި ރާއްޖޭގެ ހާރިޖީ ވަރު ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މީގެ ކުރިން އޮޒެއިޑްގެ ހިލޭ އެހީގެ ދަށުން މަތީތައުލީމު ހާސިލްކޮށްފައިވާ ގިނަ ފަރާތްތަކެއް މިރޭގެ ހަފްލާގައި ބައިވެރިވި އެވެ.
http://www.sun.mv/albums/l_21616.jpg
އޮސްޓްރޭލިއާގެ ސަފީރު ވިދާޅުވީ، އަވައްޓެރި ގައުމުތަކުގެ ތަރަށްގީއަށް އޮސްޓްރޭލިޔާ ސަރުކާރުން ތަފާތު އެހީތައް ވެދެމުންގެންދާތާ 60 ވަރަކަށް އަހަރު ފުރިގެންދާއިރު މަތީތައުލީމުގެ ފުރުސަތު ތަކަކީ ގައުމުތަކުގެ ތަރަށްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރާއި އަދި އެހެނިހެން ދާއިރާތަކުގައި މިހާރު ވެސް އޮސްޓްރޭލިޔާއިން ކިޔަވާވިދާޅުވެފައި ތިއްބެވި އެތައް ބޭފުޅުންނެއް މަސައްކަތް ކުރަށްވަމުން ގެންދަވާކަމީ އެކަމާ އެގައުމުން ފަހުރުވެރިވާ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
http://www.sun.mv/albums/l_21608.jpg
"އަޅުގަނޑު ފަހުރުވެރިކަމާ އެކު ފާހަގަކޮށްލަން، ރާއްޖޭގެ އަލަށް އައްޔަންކުރެވުނު އެޑިއުކޭޝަން މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެސް މަތީފެންވަރުގެ ގާބިލް އެތައް މަގާމްތަކެއްގައި ތިއްބެވި ބޭފުޅުންނަކީ އޮސްޓްރޭލިޔާއިން މަތީތައުލީމު ހާސިލްކޮށްގެން ތިއްބެވި ބޭފުޅުން،" އޮސްޓްރޭލިޔާ ސަފީރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، 2014 ވަނަ އަހަރުގެ އޮސްޓްރޭލިއާ ސްކޯލާޝިޕް އެވޯޑަށް ހޮވުނު 35 ދަރިވަރުންގެ ތެރޭގައި 19 އަންހެން ދަރިވަރުން ހިމެނުމުން ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މެދުކެނޑުމެއް ނެތި ދެމުންގެންދާ އެހީތައް ޝުކުރުވެރިކަމާއެކު ފާހަގަ ކުރަށްވާ ކަމަށެވެ.
http://www.sun.mv/albums/l_21609.jpg
"އަޅުގަނޑުމެންގެ ގައުމު މިފަދަ ރަނގަޅު ހާތަކަށް ގެނެވިފައިވަނީ، އޮސްޓްރޭލިޔާ ސަރުކާރުގެ މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި. އޮސްޓްރޭލިޔާ ސަރުކާރާއި ރައްޔިތުން ދަނީ، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުން. އަދި ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތަފާތު ދާއިރާތަކުން ދިވެހިން ތަމްރީނުކޮށްދީފައިވޭ،" ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އޮޒެއިޑްގެ ހިލޭ އެހީގެ ދަށުން މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބުނު ދަރިވަރުންނާ މުހާތަބުކުރަށްވައި ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ، އެ ކުދިންނަށް މަތީތައުލީމު ހޯދުމުގެ ފުރުސަތު ލިބިފައިވަނީ އެކަމަށް އެދި ކުރިމަތިލީ އެތައް ބައެއްގެ ތެރެއިން ހޮވާލެވިގެން ކަމަށާއި އެހެން ކަމުން މި ފުރުސަތުގެ ބޭނުން ހުރިހާ ކުދިންވެސް އެންމެ ފުރިހަމަ ގޮތުގައި ހިފާނޭ ކަމާމެދު ޔަގީން ކުރަށްވާ ކަމަށެވެ.

ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއާ ދޭތެރޭގައި ބާއްވަމުން ގެންދާ ޒަމާންވީ ގާތް ރަހްމަތްތެރި ކަން އިހްތިރާމާއެކު ފާހަގަ ކުރަށްވާ ކަމަށެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރަށްގީ ކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުން ވެދެމުންގެންދާ ދީލަތި އެހީތައް މެދުކެނޑުމެއްނެތި ލިބެމުންދިއުމަކީ ރާއްޖޭގެ ތަރަށްގީއަށް ލިބޭނޭ އަގުނުކުރެވޭފަދަ ބޮޑު އެހީތެރިކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
http://www.sun.mv/albums/l_21613.jpg
އޮސްޓްރޭލިއާގެ ސަފީރާއި ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރާއި ހާރިޖީ ވަޒީރުގެ އިތުރުން އެ ހަފްލާގައި ބައިވެރިވި އޮޒެއިޑް ޓީމުންވަނީ ރާއްޖޭގައި އޮސްޓްރޭލިއާ އެވޯޑްސް ސްކޯލަޝިޕްގެ ކަންތައް ހިންގެވުމާ ހަވާލުވެހުންނެވި، ކަންޓްރީ ސްކޮލާޝިޕް ކޯޑިނޭޓަރު ޑރ. އިބްރާހީމް ހަސަން (ޗަބީ)އާއި އޭނާގެ ޓީމުން އެމަސައްކަތް ކުރިއަށް ގެންދަވާލެއް ފުރިހަމަ ކަން ފާހަގަ ކުރަށްވައި އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފަ އެވެ.