03 Dec 2013, 22:14
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާތަށް މީޑިއާތަކަށް ވަދެވޭ ގޮތަށް ހުޅުވާލަންޖެހޭނެ ކަމަށާއި އެ ޖަލްސާތައް ލައިވް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭންޖެހޭ ގޮތަށް ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހެއް، އެ ގާނޫނަށް ގެނައުމަށް މިނިވަން މުއައްސަސާއަކުގެ ކޮމެޓީން މިއަދު މަޝްވަރާކޮށްފި އެވެ.
ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އެ ކޮމެޓީން ފެށީ، އެ ކޮމިޝަންގެ ޖަލްސާތައް ދައުލަތުގެ މީޑީއާއިން ދުރަށް ފޮނުވަންވާނެ ބުނެ މާފަންނު ދެކުނު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި އިސްލާހުގެ ބިލުގެ ދިރާސާގަ އެވެ.
ޖޭއެސްސީގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ)އަށް ބޮންޑޭ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ކޮމިޝަންގެ ޖަލްސާތައް ބާއްވަން ވާނީ ވީހާ ވެސް ހާމަކަމާ އެކު ދެފުށް ފެންނަ ގޮތަށެވެ. އަދި ކޮމިޝަންގެ ޖަލްސާތައް ދައުލަތުގެ މީޑިއާ އިން ދުރަށް ފޮނުވަންވާނެ އެވެ. ދައުލަތުގެ މީޑިއާ ކަމުގައި ބަޔާންކޮށްފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރަޕޭޝަން (އެމްބީސީ)ގެ ދަށުން ހިންގާ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑެވެ.
ކޮމެޓީގެ މެމްބަރުން ވިދާޅުވީ ޖޭއެސްސީގެ ޖަލްސާތައް ލައިވްކުރުމުގެ ފުރުސަތު ދޭންޖެހޭނީ ހަމައެކަނި ޕަބްލިކް ބްރޯޑްކާސްޓަރު، އެމްބީސީއަށް އެކަނި ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ މީޑިއާއަކަށް އެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
ޖޭއެސްސީގެ ޖަލްސާތަކުގެ ތެރެއިން މީޑިއާއަށް ބަންދު ކުރެވޭނެ ޖަލްސާތައް ކަނޑައެޅުމާ ބެހޭ ގޮތުން ވެސް ކޮމެޓީގައި މިއަދު މަޝްވަރާ ކުރި އެވެ. އެ ގޮތުން އެ ކޮމިޝަންގެ ބައްދަލުވުންތައް ސިއްރު ވަނީ ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ހާލަތްތަކާއި
އާންމު މުޖުތަމައުގެ މަސްލަހަތައް އުނިކަމެއް ލިބިދާނެ މައްސަލައެއް ބަލަންޖެހޭ ހާލަތްތަކާއި އެ ކޮމިޝަނުން ބަލާ މައްސަލައެއްގައި ކުޑަކުއްޖަކާ ގުޅޭ ކަމެއްނަމަ އެ ޖަލްސާއެއް ވެސް ސިއްރު ކުރެވިދާނެ ކަމަށް ގާނޫނުގައި ކަނޑައެޅުމަށް މެމްބަރުން މިއަދު މަޝްވަރާ ކުރެއްވި އެވެ.
ޖޭއެސްސީން ވަނީ އެ ކޮމިޝަންގެ ޖަލްސާތައް ލައިވްކުރަންޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަށް ފާޑުކިޔައި މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ކޮމިޝަނުގެ ސެކްރެޓްރީ ޖެނެރަލް އަބޫބަކުރު މުހައްމަދު މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނަނީ އެ އިސްލާހަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތަކާއި، ގާނޫނުއަސާސީ އާއި، ދުނިޔޭގެ ގިނަ ގައުމުތަކުގައި ފަނޑިޔާރުންނާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުތައް އެކުލަވާލުމުގައި މައިގަނޑު އަސާސްކަމަށް ބަލައިގެންފައިވާ ބެންގަލޯ ޕްރިންސިޕަލް އަށް ރިއާޔަތްކުރާއިރު، އެ އިސްލާހަކީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުރަނގަޅު އަސަރުކުރާނެ އެވެ.
ޖޭއެސްސީންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކޮމެޓީން މިއަދު ފަށާއި ދެން ބާއްވާ ޖަލްސާއެއްގައި އެ އިސްލާހު ގާނޫނަށް ފެންނަ ކަމަށް ނިންމައި، ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުއްވާނެ ކަމަށް ކޮމެޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވި އެވެ.
ޖޭއެސްސީގެ ޖަލްސާތައް ލައިވް ކުރާ އިސްލާހުގެ މަސައްކަތް ކޮމެޓީގައި މިއަދު ކުރިއަށް ގެންދިޔައީ އެ ކޮމެޓީގެ 11 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ހާޒިރުގަ އެވެ. އެ ކޮމެޓީގެ މަސައްކަތައް މިއަދު ހާޒިރުވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފާރާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ (އިންތި) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ އިތުރުން ސަމީރެވެ.