03 Dec 2013, 17:12
ބީބީސީއިން ހޮވާ އިނގިރޭސި ވިލާތުގެ "ޔަންގް ސްޕޯޓްސް ޕާސޮނަލިޓީ އޮފްދަ އިޔާ 2013 އެވޯޑް'އަށް ވާދަކުރާ ޒުވާން ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑަށް އާދަޔާހިލާފް މޮޅުކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު އަދުނާން ޔަނޫޒާ ހިމެނިއްޖެ އެވެ.
ޔުނައިޓެޑްގެ ފުރަތަމަ 11 އިން މިސީޒަންގައި ޖާގަ ހޯދި އުމުރުން 18 އަހަރުގެ މިޑްފީލްޑަރު އަދި މިހާތަނަށް އެއްވެސް ގައުމީ ޓީމަކަށް ކުޅެފައި ނުވާއިރު، ފަސް އަހަރު ދުވަހު އޭނާ ދިރިއުޅުން ހޭދަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ، އޭނާގެ އުފަން ގައުމު ކަމަށްވާ ބެލްޖިއަމް، އަލްބޭނިއާ، ތުރުކީ، ސާބިއާ ނުވަތަ އިންގްލެންޑް މިއިން ކޮންމެވެސް އެއް ޓީމެއް އިހްތިޔާރު ކުރުމަށް އޭނާ ޝަރުތު ހަމަވެ އެވެ.
މިސީޒަންގައި ޔުނައިޓެޑަށް 10 މެޗު ކުޅެދީފައިވާއިރު ޔަނޫޒާ ވަނީ، އެޓީމަށް 2 ލަނޑު ޖަހައިދީފަ އެވެ. އަދި އޭނާގެ ގައުމިއްޔަތެއް ކަނޑައެޅުމުގެ ވާހަކަ ޔޫރަޕްގެ މީޑިއާ ތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވެ އެވެ.
ބީބީސީއިން ހާމަކޮށްފައިވާ 2013 ވަނަ އަހަރުގެ ޒުވާން ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑަށް ވާދަކުރާ 10 ޝޯޓްލިސްޓުންގެ ތެރޭގައި ޔަނޫޒާގެ އިތުރުން ހިމެނެނީ، އެތުލީޓް ޑީނާ އަޝާސްމިތުއާއި ޖެސިކާ ޖޫޑްއާއި ގޮލްފް ކުޅުންތެރިޔާ ޗާލީ ހަލްއާއި ޝޫޓާ އެމްބާ ހިލްއާއި، ފެތުންތެރިޔާ ޖޭމްސްގައިއާއި ޕެރަލިމްޕިކް ފެތުންތެރިޔާ އެމީ މެރަންއާއި ބަރުއުފުލުންތެރިޔާ ރިބެކާ ޓީލާއާއި ވީލްޗެއާ ރޭސަރ އިސްސާކު ޓަވާސްއާއި ކެނޫ ސްލެލަމް ކިމްބަލީ ވުޑްސް އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔަނޫޒާއަށް އެންމެ ބޮޑު ވާދަވެރިކަމަކާ ކުރިމަތިވާނީ މިއަހަރުގެ ވޯލްޑް ޗެމްޕިއަންގެ 800 މީޓަރުގެ ދުވުމުގައި ވާދަކުރި އުމުރުން 18 އަހަރުގެ މިޑްލް ޑިސްޓެންސް ދުވުންތެރިޔާ ޖެސިކާ ޖޫޑްއާ އެވެ.
ބީބީސީން ހާމަކޮށްފައިވާ ގޮތުގައި ޝޯޓްލިސްޓް ކުރެވުނު 10 ނަމުގެ ތެރެއިން އެންމެ ކުރިއަށްދާ ތިން ނަން ހާމަކުރުން އޮންނާނީ ލީޑްސްގައި ބާއްވަން ހަމަޖެހިފައިވާ އެވޯޑް ނައިޓްގެ ތިން ދުވަސް ކުރިން މި މަހުގެ 12 ވަނަ ދުވަހު އެވެ.
މެނެޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ ވަނީ 2002 ވަނަ އަހަރުގެ ޒުވާން ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ހާސިލް ކޮށްފަ އެވެ.
އެންމެ ފަހުން މި އެވޯޑް ހާސިލް ކުރީ 2012 ވަނަ އަހަރުގެ ޕެރަލިމްޕިކްސް ގައި އިނގިރޭސިންނަށް ގޯލްޑް މެޑަލް ހޯދައިދިން ޒުވާން ފެތުންތެރިޔާ ޖޯޒެފް ކްރެއިގް އެވެ.