03 Dec 2013, 16:27
މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރުންގެ ލިވިން އެލަވަންސްގެ ގޮތުގައި ގާނޫނާ ހިލާފަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 900،000 ރުފިޔާގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.
މީޑިއާ ކައުންސިލުން ބުނީ އެގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށް ވެސް ބުނެފައިވެ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުން ނަގާފައިވާ ކަމަށް ބުނެފައިވާ އެ ފައިސާ އަކީ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނަރަލް ފާހަގަ ކުރައްވައި އެ ފައިސާ އަނބުރާ ހޯއްދެވުމަށް އަންގަވާފައިވާ ފައިސާއެކެވެ.
މީޑިއާ ކައުންސިލުން އެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ނިންމާފައިވާ އިރު އެ ކައުންސިލުން އެ ފައިސާ އަނބުރާ ހޯދަން 30 މެއި 2011ގައި އެ މެމްބަރުންނަށް ވަނީ އަންގައިފަ އެވެ. އަދި އެ އެނގުމާ އެއްގޮތަށް ދެ މެމްބަރަކު ފިޔަވައި ދެން ތިއްބެވި އެއްވެސް މެމްބަރަކު ފައިސާ ދައްކާފައި ނުވާތީ އެކަން 2011 އަދި 2012 ގެ އޮޑިޓް ރިޕޯޓްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެ ފައިސާ އަނބުރާ ހޯދަން ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ކައުންސިލަށް އޮޑިޓް އޮފީހުން އަންގާފައިޥާ ކަމަށް ވެސް މީޑިއާ ކައުންސިލް ބުންޏެވެ.
މީޑިއާ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުންގެ ލިވިންގް އެލަވަންސްގެ ގޮތުގައި ނަގާފައިވާ އެ ފައިސާ މިހާތަނަށް ދައްކާފައި ވަނީ، 15 މެންބަރުންގެ އެކައުންސިލްގެ އަހުމަދު ފައިސަލް އާއި އަހުމަދު އަބްދުﷲ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.