ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ދައްކާފައި ނުވާތީ، ރަހުނުގެ ގޮތުގައި ހުށަހެޅި "މަޑިވަރު 3" ޔޮޓް ވިއްކާލަން ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

ބޭންކުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މިހާރު ބީއެމްއެލް އިންވެސްޓްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ މަޑިވަރު 3 ސަފާރީ ގަތުމަށް އެކްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ޔޮޓް ގަތުމަށް ޝައުގުވެރިކަން ހުށަހަޅާއިރު ނީލަން ފެށުމުގެ ގޮތުން މަދުވެގެން ހަތަރު މިލިއަން ރުފިޔާ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން ހުޅުވާލީ މަދުވެގެން ހަ މިލިއަން ރުފިޔާ ހުށަހަޅާ ގޮތަށެވެ.

ބީއެމްއެލް އިން ބުނީ ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ އަގުތައް ބޭންކްގެ ވެބްސައިޓުގަ އާއި ނޯޓިސް ބޯޑުގައި ބަހައްޓާނެ ކަމަށެވެ. އަދި މަޑިވަރު 3، ގަންނަން ހުށަހަޅާ ފަރާތްތަކުން ޖެހިގެން ފަސް ދުވަސް ވަންދެން އެއް އަގެއްގައި އޮވެއްޖެ ނަމަ އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ވަނީ ތ. ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން3 އަދި 4 އަކަށް ދީފައިވާ މަސް ގަތުމުގެ ހުއްދައަށް ޝައުގުވެރިވާ ބަޔަކު ހޯދަން ވެސް އިއުލާންކުރި އެވެ. ނަމަވެސް އެކަމަށް ބަޔަކު ޝައުގުވެރިވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ފުނައްޑޫއަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކުން އިއުލާންކުރީ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކައިގެން ރަހުނުކުރި ތަކެތި ބޭންކާ ހަވާލުކުރުމުންނެވެ.

ފުނައްޑޫން ބީއެމްއެލް އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ތަކެތީގެ ތެރޭގައި ހިމެނޭ ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ) އާއި ގއ. މަހައްދޫ ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަށް ވަނީ ބަދަލުކޮށްދީފަ އެވެ.

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ ހިއްސާ ކުރިން އޮތް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ބޭންކުން ލޯނު ނަގާފައި ވަނީ ފުނައްޑޫގައި ހުރި ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓުގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި، އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން އިންޓްރަސްޓާ އެކު ބީއެމްއެލްއަށް ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.