03 Dec 2013, 15:56
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ މާއްދާ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ބަދަލުނުކުރެވޭނެ ކަމަށާއި އެ މާއްދާ އަށް ބަދަލު ގެނެވޭނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ހެދުމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެބްބަރު އަހުމަދު އާމިރު ގާނޫނު އަސާސީއަށް 262 ވަނަ މާއްދާގެ ށ. އަށް ހުށަހެޅި އިސްލާހު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމަށް ފާސްވީ 29 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ބަލައިގަތުމާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ހަ މެންބަރަކު ތިއްބެވި އެވެ.
އާމިރު ހުށަހެޅުއްވި އިސްލާހްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާ އަކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ށ. ގެ އެއް ވަނަ ނަމްބަރު ކަމުގައި ހިމެނުމަށެވެ.
ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ށ ގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގަ އެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނުނުގެ މައިގަނޑު މަދަރުކަމުގަ އެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ އާންމު ވޯޓަކަށް ގޮސްގެން ނޫނީ ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ނުކުރެއްވޭނެ ބިލްތަކުގެ ވާހަކަ އެވެ. އެގޮތުން އެގޮތުން ގާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ އެއްވެސް މާއްދާއަކާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާފައިވާ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި ރިޔާސީ އިންތިހާބު ބާއްވަން ވާނެ ކަމަށް ކަނޑައަޅާފައިވާ މައްދާ ހިމެނެ އެވެ.
އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ގާނޫނުއަސާސީގެ 10 ވަނަ މާއްދާ އަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލަކުން ވެސް ގެންނަ އިސްލާހެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ވާނީ ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށްފަހުގައި ކަމަށެވެ.
އާމިރު ހުށަހެޅުއްވި އެ އިސްލާހާއި ދެކޮޅު ހައްދަވައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާއަކީ އެއްވެސް ހާލެތެއްގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވިޔަސް އަދި އެހެން ތަނެއްގައި ވިޔަސް ބަހުސް ކުރެވިގެން ވާނެ މާއްދާ އެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ ރެފެރެންޑަމްއަކަށް ގޮސްގެން ނޫނީ ގާނޫނު އަސާސީން ބަދަލު ނުކުރެވޭނެ ކަމަށް ބުނާ މާއްދާތަކުގެ ތެރެއަށް 10 ވަނަ މާއްދާ ލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އެ އެ މާއްދާ އަކީ ރައްޔިތުންގެ ވޯޓުން ވެސް ބަދަލު ކުރެވިގެން ވާނެ މާއްދާ އެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި އާމިރު ވިދާޅުވީ އެ އިސްލާހަކީ އިސްލާމްދީން ހިމާޔަތްކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ދިނުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރި ނަމަވެސް ރައްޔިތުންގެ ވޯޓަކުން ނޫނީ އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރުމުގެ ފުރުސަތު ނުދިނުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.