03 Dec 2013, 15:40
ކެރަމް އެސޯސިއޭޝަނުން މިއަހަރު އަލަށް ތައާރަފްކުރި ކެރަމް ލީގުގެ ޗެމްޕިއަންކަން ފާއިތުވީ ތިން އަހަރު ގައުމީ ކެރަމް ޗެމްޕިއަން ހަސަން ނާޒިމް ހޯދައިފި އެވެ.
ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ފިރިހެން 20 ކުޅުންތެރިންނާއި އަންހެން 10 ކުޅުންތެރިން ބައިވެރިވި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، ލީގު އުސޫލުން ހުރިހާ ކުޅުންތެރިން ހުރިހާ ކުޅުންތެރިންނާ ވާދަކޮށް އެއް ބުރު ކުޅޭ ގޮތަށެވެ.
މިއަހަރުގެ އޯގަސްޓް މަހުގެ 16 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލީގުގައި ވާދަކުރި 30 ކުޅުންތެރިންގެ ތެރެއިން ދެވަނަ ހޯދީ ހުސެއިން ނިޝާމް އެވެ. އަދި ލީގުގެ ތިންވަނަ ހޯދީ ހުސެން އަލީ އެވެ.
ލީގުގައި ވާދަކުރި އަންހެން ކުޅުންތެރިންގެ ތެރެއިން، އެއްވަނައަށް ދިޔައީ، ލީގުގެ 12 ވަނަ ހޯދި އައިޝަތު ފައިނާޒް އެވެ. އަދި އަންހެން ކުޅުންތެރިންގެ ތެރެއިން ދެވަނަ ހޯދީ ލީގުގެ 13 ވަނަ ހޯދި އިއިމިނަތު ނިފާޝާ އެވެ. އަދި ތިންވަނަ އަށް ދިޔައީ ލީގުގެ 14 ވަނަ ހޯދި ފާތިމަތު ރަޔާން އެވެ.
ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް ހޯދިއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އައިމިނަތު ވިޝާމާ އެވެ.
ފުރަތަމަ ކެރަމް ލީގުގެ އެންމެ ގިނަ ސްލޭމް ހަދާފައިވާ ކުޅުންތެރިއަކީ ޝާފީ މުހައްމަދު އެވެ. އަދި މެޗުތަކުން އެންމެ ގިނަ ސްކޯ ހޯދި ކުޅުންތެރިއަކީ ޗެމްޕިއަން ނާޒިމް އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، މޮޅުވާ ކޮންމެ މެޗަކަށް ފައިސާގެ އިނާމް ދޭގޮތަށް ކުރިއަށް ގެންދިޔަ ކެރަމް ލީގުގެ ވަނަތަކަށް އައި ފަރާތްތަކަށް ފައިސާގެ އިނާމާއި ޓްރޮފީއާއި ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައި ވަނީ، ހޯމަ ދުވަހު ފެށި ގައުމީ ކެރަމް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ކަމަށެވެ.