ހިއުމަން ޓްރެފިކިންގެ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ހަތް އަރާއި 10 އަހަރާއި 15 އަހަރަށް ޖަލަށްލުން ކަމަށް ކަނޑައަޅާފައިވާ "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް" މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ސްޕޮންސާކޮށްގެން ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒު މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި ބިލު ގައުމީ ސަލާމަތު ކޮމެޓީން ދިރާސާކޮށް ނިންމީ މިދިޔަ މަހުގެ 27ގަ އެވެ. ހިއުމަން ޓްރެފިކިންގެ ކުށް ހުއްޓުވުމުގެ ބިލަށް ކޮމެޓީން މާބޮޑެތި އިސްލާހުތަކެއް ކޮމެޓީއަކުން ނުގެނެ އެވެ.

މިއަދު އެ ބިލް މަޖިލީހުން ފާސްކުރުމުގެ ކުރިން މަޖިލީހުގެ ފުލޯއިން އެ ބިލަށް ފަސް އިސްލާހެއް ގެނަ އެވެ. އޭގެ ތެރެއިން ފާސްވި ހަތަރު އިސްލާހަކީ މުހައްމަދު ރަފީގު ހަސަން ހުށަހެޅުއްވި އިސްލާހުތަކެކެވެ. ފާސްވި އަނެއް އިސްލާހަކީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް ހުށަހެޅުއްވި އިސްލާހެކެވެ.

އޭނާ ހުށަހެޅުއްވި ދެ އިސްލާހެއް މަޖިލީހުގެ ތަޅުމަކުން ފާހެއް ނުވި އެވެ.

މަޖިލީހުގެ ފުލޯއިން މިއަދު ގެނައި އިސްލާހުތަކާ އެކު، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް މަޖިލީހުން ފާސް ކުރުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަގުލަބިއްޔަތުން ލިބުނީ އެ ބިލް ފާސް ކުރުމަށެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.

މިހާތަނަށް ރާއްޖޭގެ ގާނޫނެއްގައި ހިއުމަން ޓްރެފިންއަކީ ކުށެއް ކަމަށް ކަނޑައަޅާފައި ނުވާތީ ހިއުމަން ޓްރެފިކިން އަށް ހާއްސަކޮށްގެން ސަރުކާރުން މަޖިލީހަޅައިގެން ފާސް ކުރި ބިލުގައި ބުނާ ގޮތުން މީހަކަށް މުޖުބޫރު ކުރުވައިގެން ރޭވުމަކުން ނުވަތަ މަކަރާއި ހީލަތުން މީހަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުވުމަށް މަސައްކަތް ކުރާ މީހަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާ މީހެކެވެ.

ހިއުމަން ޓްރެފިކިންގެ އަދަބު ކަނޑައަޅާފައިވާ ބާބުގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކު ހިއުމަން ޓްރެފިކްކޮށްފި ނަމަ އެފަދަ މީހެއްގެ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އަމަލެއް ރޭވުމުގައި ބައިވެރިވެއްޖެ ނަމަ ހަތް އަހަރު ދުވަހަށް އެ މީހަކު ޖަލަށް ލެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އަމިއްލަ އަށް ރާވައިގެން މީހަކު ހިއުމަން ޓްރެފިކިންގައި ގެންގުޅެނިކޮށް އެ މީހަކު މަރުވެއްޖެ ނަމަ އެކަން ކުރި މީހަކު 15 އަހަރަށް ޖަލަށްލެވޭނެ ކަމަށާއި ހިއުމަން ޓްރެފިކް ކުރުމުގައި ހަތިޔާރު ބޭނުންކޮށްފި ނަމަ ވެސް 15 އަހަރަށް ޖަލަށްލެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.